ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ގެކޮޅަށް ގެންދިޔައީ އެއްގަޑި އިރަށް، ދެންމެ ފުލުސް އޮފީހަށް ގެންގޮސްފި

އިބްރާހިމް ޒަކީ

މިއަދު ހައިކޯޓުގައި އޮތް ޝަރީއަތުގެ އަޑު އެހުން ނިމިގެން ރައީސް ޔާމީން އެމަނިކުފާނުގެ ގެކޮޅު، ހ. ދޫވެއްސަށް ގެންދިޔުމަށް ފަހު ދާދި ދެންމެ ފުލުހަށް ގެންގޮސްފި އެވެ.

ރައީސް ޔާމީން ގެކޮޅަށް ގެންދިޔައީ ކީއްވެކަން އަދި ވަނީ ޔަގީން ނުވެފަ އެވެ. އެހެން ނަމަވެސް އެމަނިކުފާނު ގެކޮޅަށް ގެންދިޔައީ އެމަނިކުފާނު އމަިއްލަފުޅަށް އެކަމަށް ބޭނުންފުޅުވެގެން އެދިވަޑައިގެން ކަމަށް ވަކީލުން މީޑިއާއަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ގެކޮޅަށް ގެންދިޔައީ އެއް ގަޑި އިރުގެ ވަގުތަށް ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ރައީސް ޔާމީން ފުލުހަށް މި ގެންދިޔައީ ކިއްވެކަން ވަނީ ކަށަވަރުވާ ގޮތް ނުވެފަ އެވެ.

ރައީސް ޔާމީނުގެ ގާނޫނީ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އަރިހުން "ވަން"ގެ ނޫސްވެރިޔާ މި ސުވާލު ދެންނެވުމުން ވިދާޅުވީ މުޅި ދުވަހު އެ ގޮތަށް ތަޅުވަނީ ކަމަށާއި ފުލުހަށް ގެންދަނީ ކީއްވެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.