ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ގެޔަށް ގެންގޮސްފި

ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދާދި ދެންމެޔަކު އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ހ. ދޫވެއްސަށް ގެންފޮސްފި އެވެ.

ރައީސް ޔާމީން ގެކޮޅަށް ގެންގޮސްފައި މި ވަނީ މިއަދު ހައި ކޯޓުގައި އޮތް އެމަނިކުފާނުގެ އިސްތިއުނާފު އަޑު އެހުން ނިމުމަށްފަހުގަ އެވެ. ރައީސް ޔާމީން ގެޔަށް ގެންދިޔައީ ކީއްވެކަން އަދި ވަނީ ޔަގީން ނުވެފަ އެވެ.

އެ ސަރަހައްދުގައި ހުރި ވަން ގެ ނޫސްވެރިޔާ ބުނީ، މި ވަގުތު ރައީސް ޔާމީން ހުންނެވީ އެމަނިކުފާނުގެ ގެކޮޅު ތެރޭގައި ކަމަށާއި ކަރެކްޝަން އަދި ފުލުހުންގެ ބޭފުޅުން ވެސް ގޭތެރޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ރައީސް ޔާމީން ގެކޮޅަށް ގެންގޮސްފައި މި ވަނީ އެމަނިކުފާނު އެކަމަށް އެދިވަޑައިގަތުމުގެ ސަބަބުން ކަމަށް، ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމާ ހަވާލާދީ ވަން ނޫސްވެރިޔާ ބުނެ އެވެ. އެމަނިކުފާނު ގެކޮޅަށް މި ގެންދިޔައީ ކިހާ އިރަކަށް ކަމެއް ޔަގީނެއް ނުވެ އެވެ. އެހެން ނަމަވެސް ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެމަނިކުފާނު ގެކޮޅަށް ގެންގޮސްފައި ވަނީ އެއްގަޑި އިރަށެވެ.

ރައީސް ޔާމީން ގެކޮޅަށް ގެންދިޔުމާއި ގުޅިގެން އެ ސަރަހައްދަށް އެމަނިކުފާނުގެ ވަރަށް ގިނަ އަދަދެއްގެ ސްޕޯޓަރުން ވަނީ އެއްވެފަ އެވެ. ފުލުހުން ވަނީ އެ ސަރަހައްދު ހުސްކޮށްފަ އެވެ. މި ވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ވެސް އަންނަނީ ހަރަކާތްތެރި ވަމުންނެވެ.