ކަމާ ގުޅުންހުރި ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދުމަށްޓަކައި ޓެކް ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފެއްދުމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ނިންމައިފިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ ދާއިރާއާ ގުޅުންހުރި ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ތެރެއިން ވިޔަފާރީގައި އުޅޭ ފަރާތްތަކާއި ޒުވާނުންގެ ތެރެއިންނާއި ހުރިހާ ސެކްޓާއެއްގެ ފަރާތްތައް އެ ކައުންސިލްގައި ހިމެނޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ނިންމާފައި މިވަނީ މި މިނިސްޓްރީގެ ކަންކަން ކުރިއަށްގެންދިއުމުގައި ކަމާ ގުޅުންހުރި އެކިއެކި ފަރާތްތަކުގެ ތަޖުރިބާކާރު ބޭފުޅުންގެ ލަފަޔާއި މަޝްވަރާ ހޯދުމަށްޓަކައި ޓެކް ކައުންސިލްގެ ނަމުގައި އަޅުގަނޑުމެން ކައުންސިލެއް ވެސް އުފައްދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ ޒަމާނީ އިގްތިސާދެއް ބިނާކުރުމަށްޓަކައި ބޭނުންވާ ވަރަށް ގިނަ ކަންތައްތަކުން ދިވެހިން ތިބީ މަހުރޫމުގައި ވެފައި ކަމަށާއި އެކަންކަން އެންމެ އަވަހަށް އަދި އެންމެ ފަސޭހައިން ގެންދެވޭނީ ކަމާ ގުޅުންހުރި ފަރާތްތަކުގެ ލަފަޔާއި މަޝްވަރާއާއެކު ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުގެ ވިސްނުމަކީ ގާތްގަނޑަކަށް ދިހަ ވަރަކަށް ބޭފުޅުން ހިމެނޭ ކައުންސިލެއް ގާއިމްކުރުން. އަދި އެ ހުރިހާ ދާއިރާއެއްގެ މަންދޫބުން ހިމެނޭ ގޮތަށް މިދެންނެވި ކައުންސިލް އެކުލަވާލުން. މިސާލަކަށް މާސްޓާޕްލޭން އެކުލަވާލުމުގައި،" މިނިސްޓަރު ވިދާޅުވިއެވެ.
މަލީހު އިތުރަށް ވިދާޅުވީ ޓެކް ކައުންސިލްގެ މަސައްކަތް ފަށާނީ އެކަމަށް ހާއްސަކޮށްގެން ގަވާއިދެއް އެކުލަވާލުމަށްފަހު ކަމަށެވެ.