ކުޅިވަރު

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އެފްއޭކަޕް މިއަދު ފަށަނީ

އައިދާ އަބްދުލް ހަކީމް

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ އެފްއޭ ކަޕް ދެއަހަރުގެ މެދުކެނޑުމަކަށްފަހު މިއަދު ހަވީރު ފަށަން ނިންމައިފި އެވެ. މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އޭދަފުއްޓެވެ.

މިއަހަރުގެ މުބާރާތް ކުއާޓާ ފައިނަލާ ހިސާބުން ފެށުމަށް އެފްއޭއެމުން ނިންމާފައިވާއިރު، އެމުބާރާތުގައި ބައިވެރިވުމަށް އެފްއޭއެމްގައި ރަޖިސްޓްރީވެފައިވާ ހުރިހާ ކްލަބަކަށް އެ އިދާރާއިން ފުރުސަތު ހުޅުވާލިއެވެ. ކުރިން ނުވަ ޓީމުން މުބާރާތުގައި ބައިވެރިވި ނަމަވެސް ގުރު ނެގުމުގެ ކުރިން ލެގޫންސް ސްޕޯޓްސް ކްލަބް މުބާރާތުން ވަކިވެފައިވާތީ މިއަހަރު ވާދަކުރަނީ އަށް ޓީމެވެ. އެއީ މާޒިޔާ އާއި ކްލަބު އީގަލްސް އާއި، ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ފޯކައިދޫ ފުޓްބޯލް ކްލަބުގެ އަދި ވިލިމާލެ ޔުނައިޓެޑް އަދި ކްލަބު އޭދަފުއްޓެވެ.

އެފްއޭ ކަޕްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކްލަބް އޭދަފުއްޓާއި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރާއިރު މިރޭ ކުޅޭ ދެ ވަނަ މެޗުގައި މާޒިޔާ ނުކުންނާނީ ގްރީން ސްޓްރީޓާ ދެކޮޅަށެވެ. މާދަމާ ހަވީރު ފޯކައިދޫ އާއި ދަ ގްރާންޑޭ ވާދަކުރާ އިރު މާދަމާ ރޭ އޮންނާނީ އީގަލްސް އާއި ވިލިމާލެ ޔުނައިޓެޑުގެ މެޗެވެ.

މި މަހުގެ 16 ވަނަ ދުވަހު ހަވީރު މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ވާދަކުރާނީ މާޒިޔާ އަދި ގްރީން މެޗުން މޮޅުވާ ޓީމަކާއި ފޯކައިދޫ އަދި ދަ ގްރާންޑޭ މެޗުން މޮޅުވާ ޓީމެކެވެ. އެރޭ ކުޅޭ ދެ ވަނަ ސެމީގައި ބައްދަލުކުރާނީ ޓީސީ އަދި އޭދަފުށި މެޗުން މޮޅުވާ ޓީމާއި އީގަލްސް އަދި ވިލިމާލެ ޔުނައިޓެޑު މެޗުން މޮޅުވާ ޓީމެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުހުއެވެ.

އެންމެ ފަހުން މި މުބާރާތް 2017 ވަނަ އަހަރު ބާއްވާފައިވާއިރު، އެފަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. 12 ތައްޓާއެކު ނިއު އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ކުޅުންތެރިންގެ މުސާރައިގެ މައްސަލަތަކުގައި ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ނިއު ސަސްޕެންޑްކޮށްފައިވާތީ މި ސީޒަނުގައި އެ ކްލަބުން ފުރަތަމަ ޑިވިޝަނުގައި ވާދައެއް ނުކުރެ އެވެ.

އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގެ ފުރުސަތު ލިބޭނެ އެވެ. އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން މިފަހަރު ފުރުސަތު ލިބުނީ ލީގު ޗެމްޕިއަނުންގެ ހައިސިއްޔަތުން މާޒިޔާ އަށެވެ. މާޒިޔާ އިން މިފަހަރުގެ އެއްފޭ ކަޕް ކާމިޔާބުކޮށްފި ނަމަ އޭއެފްސީ ކަޕްގެ ކޮލިފައިން ބުރަށް ދާނީ ލީގުގެ ދެ ވަނަ ހޯދި އީގަލްސް އެވެ.