މުހައްމަދު އައުޒަމް
ސަރުކާރުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންކަން ރިޕޯޓުކުރެވޭ ސިސްޓަމެއް ގާއިމް ކުރާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މިނިސްޓްރީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރު މަލީހް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުގައި ހިމެނިފައި ނުވި ނަމަވެސް ކޮމިއުނިކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ސަރުކާރުގެ ތެރޭގައި ހިންގަމުންދާ އެކިއެކި ނޭދެވޭ ކަންކަން ރިޕޯޓު ކުރުމުގެ ނިޒާމެއް ގާއިމު ކުރުމަށް ސިސްޓަމެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއަކީ މުޅިން އަލަށް އުފެދުނު މިނިސްޓްރީއަކަށް ވާތީ މިނިސްޓްރީގެ އޮނިގަނޑު ފަރުމާކޮށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އޭގެ އެޕްރޫވަލް ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ލިބިގެންދާނެ ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ދުވަސް ތަކުގައި މިނިސްޓްރީން މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިޔައީ ރާއްޖޭގެ ޓެކް ކޮމިއުނިޓީގެ ފަރާތްތަކާ ބައްދަލުކޮށް މިނިސްޓްރީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތްތަކުގެ މަޝްވަރާ ކަމަށެވެ.
މިނިސްޓަރު މަލީހް ވިދާޅުވީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ ވުޖޫދަށް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރުގެ އެއް މުއައްސަސާ އަނެއް މުއައްސަސާއާ ޑިޖިޓަލީ ގުޅުވާ މައުލޫމާތު އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ.
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ އިދާރާ ހިންގުމަށް ހަމަޖެހިފައިވަނީ އެންސީއައިޓީ ބިލްޑިންގގައެވެ. މިނިސްޓަރ މަލީހު ވަނީ ނޫސްވެރިންނަށް އެންސީއައިޓީ ބިލްޑިންގ ދައްކާލައި އިމާރާތުގެ ހާލަތު އަމަލީގޮތުން ބަލައިލުމުގެ ފުރުސަތު ދީފައެވެ.