ކުޅިވަރު

މާދަމާ ނިއު ރޭޑިއަންޓުގެ ޖޯޒީ ވިއްކަން ފަށަނީ

އައިދާ އަބްދުލް ހަކީމް

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އެޓީމުގެ ސަޕޯޓަރުންތަކެއް ފަށާފައިވާ މަސައްކަތުގެ ތެރެއިން ޓީމަށް ހެޔޮ އެދޭ ފަރާތްތަކަށާއި ސަޕޯޓަރުންނަށް ހާއްސަކޮށްގެން ޑިޒައިން ކުރި ޖާޒީ މާދަމާ ރަސްމީކޮށް ވިއްކަން ފަށަން ނިންމާފައިވާ ކަމަށް އެޓީމުގެ އއާ ޗެއާމަން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން މޮސްޓާ ވިދާޅުވީ މާދަމާ ހަވީރު 16:15 އިން ރޭގަނޑު 23:00 އަށް "އަހަރެންގެ ޓީމު، އަހަރެންގެ ހިއްސާ" ޝިއާރުގެ ދަށުން 3000 ޖާޒީ ވިއްކުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކުދިބޮޑު އެންމެން ހިމެނޭހެން ހުރިހާ ސައިޒެއްގެ ޖާޒީ ވިއްކުމަށް ހަމަޖައްސާފައިވާ މި އިވެންޓް މާދަމާ އިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހާއި ހަމަ އަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް މޮސްޓާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު އަލުން އަނބުރާ ގެނައުމަށްޓަކައި ވީހާވެސް ގިނަ ފަރާތްތަކުން ޖާޒީ ގަތުމަށް މޮސްޓާ ވަނީ އެދިވަޑައިގެންފައެވެ. ޖާޒީއެއްގެ އަގަކީ 500 ރުފިޔާއެވެ. މާދަމާ ޖާޒީ ވިއްކަން ފަށާނީ ހެންވޭރު ކާނިވާ ސަރަހައްދުންނެވެ.

ކުޅުންތެރީންނަށް ދޭން ޖެހޭ މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ނިއު ރޭޑިއަންޓް ސަސްޕެންޑުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު އެވެ. 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޖުމްލަ 10 ކުޅުންތެރިޔަކަށް ދޭން ޖެހޭ ތިން މިލިއަން ރުފިޔާ ދީފައި ނުވާތީ އެކަން ހަލާސް ކުރުމަށް އެފްއޭއެމުން އެތައް ފަހަރަކު މުހުލަތުތަކެއް ނިއުރޭޑިއަންޓަށް ދިނެއެވެ. ނިއު ރޭޑިއަންޓް މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެޓީމުގެ ސަޕޯޓަރުންތަކެއް ވަނީ މަސައްކަތްތަކެއް ފަށައިފައެވެ.

އެގޮތުން، ނިއުގެ މަޝްހޫރު ސަޕޯޓަރު މޮސްޓާ ޗެއާމަނަކަށް ހަމަޖައްސާފައިވާއިރު ވައިސް ޗެއާމަނަކަށް ހަމަޖައްސާފައިވަނީ އެކްޓިން ޗެއާމަނަކަށް ހުންނެވި އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ ސައްޔިދު އަލީ އެވެ. ބޯޑު މެންބަރުންނަކީ ޒަހީނުއްދީން ސައީދު، ހުސެއިން ޝާމް އާދަމް، ހަސަން ހުސެއިން، އަބްދުލްމުއިޒު މުސްތަފާ، އަހުމަދު ޝިޔާމް، އަހުމަދު ވާސިފް އަދި އިސްމާއިލް ރަޝީދެވެ.

އެފްއޭއެމުން ނިއުރޭޑިއަންޓް ސަސްޕެންޑް ކުރުމާއެކު އެކުލަބުގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ޒިޔާދު ވަނީ އިސްތިއުފާ ދެއްވައިފައެވެ. ޒިޔާދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެކްޓިން ޗެއާމަނަކަށް އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ ސައްޔިދު އަލީ ހަމަޖައްސިއެވެ. އެހެންނަމަވެސް އަމަލީގޮތުން އެއްވެސް މަސައްކަތެއް ކުރެވިގެންދިޔަ ތަނެއް ނުފެނުނެވެ.