އެފްއޭއެމުން ސަސްޕެންޑު ކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަނަކަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު އަދި ނިއުގެ ގިނަ ދުވަސްވީ ސަޕޯޓަރެއް ކަމަށްވާ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހަމަޖައްސައިފިއެވެ.
ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ނިއު ރޭޑިއަންޓް ސަސްޕެންޑުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހުއެވެ.
ނަމަވެސް އެ ހާލަތުން ސަލާމަތްކުރުމަށްޓަކައި މޮސްޓާ އިސްވެހުރެ އެޓީމުގެ ސަޕޯޓަރުންތަކެއް ވެސް ވަނީ މަސައްކަތްތަކެއް ފަށައިފައެވެ. ޗެއާމަންކަމާއި ހަވާލު ވުމަށްފަހު މޮސްޓޯ އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ ހާޔާތުގައި އެންމެ ބޭނުންވި ދެވަނަ ކަންތައްވެއްޖެ ކަމަށެވެ.
މޮސްޓާ ޗެއާމަނަކަށް ހަމަޖައްސާފައިވާއިރު ވައިސް ޗެއާމަނަކަށް ހަމަޖައްސާފައިވަނީ އެކްޓިން ޗެއާމަނަކަށް ހުންނެވި އެ ކުލަބުގެ ކުރީގެ ކުޅުންތެރިޔާ ސައްޔިދު އަލީއެވެ. ބޯޑު މެންބަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ޒަހީނުއްދީން ސައީދު، ހުސެއިން ޝާމް އާދަމް، ހަސަން ހުސެއިން، އަބްދުލްމުއިޒު މުސްތަފާ، އަހުމަދު ޝިޔާމް، އަހުމަދު ވާސިފް އަދި އިސްމާއިލް ރަޝީދެވެ.
އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމާއެކު އެކުލަބުގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ޒިޔާދު ވަނީ އިސްތިއުފާ ދެއްވައިފައެވެ. ޒިޔާދު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެކްޓިން ޗެއާމަނަކަށް ހަމަޖެއްސީ އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ ސައްޔިދު އަލީއެވެ. ނަމަވެސް އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކުރެވިގެންދިޔަ ތަނެއް ނުފެނުނެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 10 ކުޅުންތެރިއަކަށް ދޭންޖެހޭ ތިން މިލިއަން ރުފިޔާ ދީފައި ނުވާތީ އެކަން ހަލާސް ކުރުމަށް އެފްއޭއެމުން އެތައް ފަހަރަކު ނިއި ރޭޑިއަންޓަށް އަންގައި މުހުލަތުތަކެއް ދިނެވެ.
ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ނިއު ރޭޑިއަންޓް ސަސްޕެންޑު ކުރުމުން އެ ކުލަބް އަލުން ކޮޅަށް ނެގުމުގެ މަސައްކަތުގެ ތެރެއިން އެކުލަބުގެ ބާނީ ކުއީން އަހުމަދު ވަހީދާއި ކުރީގެ ޗެއާމަން ކާމިނީޕޫލް ހަސަން މަނިކު ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ މިދިޔަ މެއި މަހުގެ ތެރޭގައި ބައްދަލުކޮށްފައެވެ.