އިބްރާހިމް ޒަކީ
މަސްވެރިންނަށް ހައްގު މިންވަރު ހޯދައި ދިނުމުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ފެއިލްވެ ވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
މިޔަރުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށާއި ފަތުރުވެރިންނަށް ލިބޭ ގެއްލުންތަކާއި އަނިޔާއިން ސަލާމަތް ކުރުމަށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ވެލަޔާއި ކަހަނބު ހިފުމާއި ލޭނު މަސްވެރިކަން އަދި އެންދެރި ނެގުން ހުއްދަކުރަން ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރަށް ކުރިއަށްދިޔަ ބަހުސްގައި މެންބަރު ރާއީ ވިދާޅުވީ، މަސްވެރިންގެ ހައްގުތައް ހޯދައި ނުދެވިގެން އުޅެނީ ފިޝަރީޒް މިނިސްޓަރުގެ ސަަބަބުން ކަމަށެވެ.
ރާއީ ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން، ސަރުކާރުގެ ވައުދަކަށް ވެފައި އޮތީ، މަސްވެރިންނަށް ހައްގުތައް ހޯދައި ދިނުމަށް ކަމަށެވެ. އަދި އެކަމަށް ޓަކައި ކުރި އެންމެ މުހިއްމު ކަމަކީ، މަސްވެރިކަމާބެހޭ ބިލެއް މަޖިލީހުން ފާސްކުރުން ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެ ގާނޫނު މަޖިލީހުން ހެދިތާ ތިންމަސް ދުވަސް ފަހުންވެސް ފިޝަރީޒް މިނިސްޓަރު އެ ގާނޫނު ތަންފީޒު ކުރައްވާފައި ނުވާ ކަމަށްވެސް ރާއީ ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ، މަސްވެރިންނަށް ހައްގު މިންވަރު ހޯއްދަވައި ދެއްވުމަށް ފިޝަރީޒް މިިނިސްޓަރު ބޮޑުތަނުން ފެއިލްވެފައިވާ ކަމަށެވެ. އަދި ކުރިއަށް މިއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކުރިން މަސްވެރިންނަށް ހައްގު މިންވަރު ހޯއްދަވައި ނުދެއްވައިނަމަ ފިޝަރީޒް މިނިސްޓަރަށް ތާއީދު ނުކުރައްވާނެ ކަމަށްވެސް ރާއީ ވިދާޅުވިއެވެ.