ރައްޔިތުންގެ މަޖިލިސް

ނޮޅިވަރަމް ދާއިރާގެ މެންބަރު ނަޝީދުުގެ ނަން އިއްވައި މަޖިލީހުން ބޭރުކޮށްފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަަދު ނަޝީދުގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން އޭނާ ބޭރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ނަޝީދުގެ ނަން އިއްވަން ޖެހުނީ، މިޔަރުގެ ސަބަބުން މަސްވެރިންނަށާއި ފަތުރުވެރިންނަށް ލިބެމުންދާ ގެއްލުންތަކަށް ހައްލު ހޯދުމަށް، ވެލާ ކަހަނބު ހިފުމާއި އެންދެރި ނެގުމާއި، ލޭނު އެޅުމުގެ ހުއްދަ ދިނުމަށް އިލްތިމާސްކޮށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރިއަށް ގެންދެވި ބަހުސްގައި، ޖަލްއާއަށް ފުރަތަމަ ހުށަހެޅިގެން ބަހުސް ނިންމާފައިއޮތް، ކޮރޯނާ ވައިރަހާ ބެހޭ ކުއްލި މައްސަލައަށް ވާހަކަ ދައްކަން ފެށުމުން، ނިޒާމީ މައްސަލަ ނަންގަވައި އެމްޑީޕީގެ މެންބަރުން ސައީދުގެ ވާހަކައަށް ހުރަސް އަޅުއްވަން ފެއްޓެވެމުންނެވެ.

ސައީދުގެ ވާހަކައިގެ ތެރެއިން ފުރަތަމަ ނިޒާމީ މައްސަލަ ނެންގެވީ، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

ނިޒާމީ މައްސަލަ ނަންގަވައި ވަހީދު ވިދާޅުވީ، ސައީދު ވާހަކަ ދައްކަވަނީ ހުށަހެޅިފައިވާ މައްސަލައަށްނޫން ކަމަށެވެ. އަދި ހެނދުނު މަޖިލީހުގެ ޖަލްސާއަށް ވަޑައި ނުގަންނަވައި މާފަހުން، ވަޑައިގެން ބަހުސްކޮށް ނިމިފައިވާ މައްސަަލައަކަަށް ސައީދު ބަހުސް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ސައީދުގެ ބަހުސް ހުއްޓުވުމަށް، ޖަލްސާގެ ރިޔާސަތުގެ ކިބައިން ވަހީދު އެދިވަޑައިގެންނެވިއެވެ.

ނިޒާމީ މައްސަލައަށްފަހު ދެއްވި ފުރުސަތުގައިވެސް ސައީދު ވާހަކަ ދެއްކެވީ ހަމަ އެ މައުލޫއުގައެވެ.

ދެވަނަ ފަރަށް ނިޒާމީ މައްސަލަ ނެންގެވީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

ސައީދު ދައްކަވަނީ މައުލޫއާ ނުގުޅޭ ވާހަކަ ކަމަށް ވިދާޅުވެ، އިބްރާހިމް ޝަރީފް ވިދާޅުވީ، އައިހެވަންގެ ވާހަކަ ފަދަ ސިއްސައިގެންދާވަރަށް ކޮށްފައިވާ ކޮރަޕްޝަންގެ ވާހަކަ ދެއްކުން މާ ރަނގަޅުވާނެ ކަަށެވެ.

ދެވަނަ ފަހަރުވެސް ސައީދުގެ ވާހަކަ ކުރިއަށް ގެންދެވީ ހަމަ އެ މައްސަލައަށެވެ.

ތިންވަނަ ފަހަރަށް ސައީދުގެ ވާހަކަ ހުއްޓުވައި ނިޒާމީ މައްސަލަ ނެންގެވީ، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އެވެ.

ރާއީ ވިދާޅުވީ، މައުލޫއަކީ ކޮރޯނާ ވައިރަސްތީ، ނުވަތަ އެހެން އެއްޗެއްތޯ ބަލަންޖެހޭ ކަމަށެވެ.

އެހިސާބުން އަނެއްކާ ސައީދު ވާހަކަ ދައްކަން ފެއްޓެވުމާއެކު އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އަނެއްކާ ނިޒާމީ މައްސަލަ ނެންގެވިއެވެ.

ވަހީދު ވިދާޅުވީ، ރައްޔިތުން މަޖިލީހަށް ހޮއްވަވައި ބޮޑު މުސާރަ ދީފައި ކުރީގެ މިނިސްޓަރަކު އެގޮތަށް ބަހައްޓަވާއިރު، ގަޑިއަށް މަޖިލީހަށް ވަޑައިގެންނެވުން މުހިއްމު ކަމަށެވެ.

އެއަށްފަހު ރިޔާސަތުން ދެއްވި ފުރުސަތުގައި ސައީދު ވާހަކަ ފެއްޓުމާއެކު، ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ނިޒާމީ މައްސަލަ ނެންގެވިއެވެ.

ނަޝީދު ވިދާޅުވީ، "ނިޒާމަށްވެސް ވަނީ އެހެން ކަމަކަށްވެސް ވަނީ ވަކި ބަޔަލު މައުލޫއާ ބެހުނީމަ، ހަޖަމް ނުވަންޏާ މިތާ ނުތިބީމަ ވީނުން،" ކަމަށެވެ.

ނަޝީދުގެ ވާހަކަ ފުރިހަމަނުވެ އުޅެނިކޮށް، ރިޔާސަތުން އެ މެންބަރު އިށީނދެ ވަޑައިގެންނެވުމަށް އެންގެވިއެވެ.

މައްސަލަ ގޯސްވީ އެހިސާބުންނެވެ.

އެހިސާބުން ފެށިގެން ހިތްހަަމަޖެހިވަޑައިނުގެން ނަޝީދު އަޑުގަދަކުރައްވަން ފެއްޓެވިއެވެ.

އެކަމާގުޅިގެން ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް، ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ތަކުރާރުކޮށް ނަޝީދަށް އެންގެވުމަށްފަހު އޭނާނެ ނަން އިއްވެވިއެވެ.