އިބްރާހިމް ޒަކީ
މިނިސްޓްރީ އޮފް ފިނޭންސުން ނިންމާފައިވާ ގޮތަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ގެ ސީޕްލޭން ޓާމިނަލް ބޭނުން ކުރުމުގެ ކަންތައް ކުރިއަށް ނުގޮސްފިނަމަ، އަމަލު ކުރާނޭ ކޮންޓިންޖެންސީ ޕްލޭނެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާ ކުރުމަށް ފިނޭންސް މިނިޓްރީއަށް އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެގޮތަށް ފާސްކުރީ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެން، އެމްއޭސީއެލް އިން ސީޕްލޭން ޓަރމިނަލް، ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކަށް ކުށްޔަށް ދޫކުރަން ނިންމާފައިވާ ގޮތް ބެލުމަށް އޮޑިޓާ ޖެނެރަލް ހެއްދެވި ހާއްސަ އޮޑިޓް ރިޕޯޓް އެ ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅި ރިޕޯޓްގައި އެ ގޮތަށް ކަނޑައަޅައިގެންނެވެ.
މާލިއްޔަތު ކޮމިޓީގެ އެ ރިޕޯޓް މަޖިލީީހުގެ ފާސްކުރީ ޖަލްސާގައި ތިއްބެވި މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.
ސީޕްލޭން ޓާންމިނަލް މައްސަލައިގައި ފިނޭންސް މިނިސްޓްރީން މިހާރުވެސް ނިންމާފައިވާ ގޮތަށް ދެ އަހަރުގެ މުއްދަތަކަށް 10.35 ޑޮލަރުގެ ރޭޓުން، ސީޕްލޭން ޓާމިނަލުން 6،300 އަކަމީޓަރުގެ ޖާގަ ޓީއެމްއޭ ދިނުމަށް ވެސް ރިޕޯޓްގައި ހިމަނައިގެން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، މި އީ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާ އެމްއޭސީއެލްގެ އޮޑިޓް ރިޕޯޓްގެ ފުރަތަމަ ބައި ކަމަށެވެ.
އަދި ދެވަނަ ބައެއް ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.