މާލެއިން ލިބިފައިވާ ބިންކޮޅު ދޫކޮށްލުމުން ޅ. މާފިލާފުށިން ގޯތިކަނޑައި ދިނުމަށްފަހު އަލުން އެތަން ސަރުކާރުގެ ބޭނުމަކަށް ނެގުމުން 50 އާއިލާއެއް މަގުމަތިވެފައިވާ ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ވޭތުވެދިޔަ ހަ އަހަރު ސަރުކާރު ހިންގި ފަރާތްތަކުން ހިންގާފައިވާ ލާއިންސާނީ އަމަލެއް ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯއްދަވައިދެއްވުން މުހިންމު ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
އާޒިމް މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން މިސަރުކާރުން ވަނީ "ވެށި ފަހި މާލެ" ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓާއި ގޯތި ލިބޭނެ ކަމުގެ ލިޔުން ދީ، މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުން އެކަން މިމަހުގެ 22ގެ ކުރިން ހައުސިން މިނިސްޓްރީއަށް އަންގަން އެދިފައެވެ.
ވެށިފަހި މަޝްރޫއު ހުޅުވާލީ ތިން ކެޓަގަރީ އަށެވެ. އެއީ، ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހިންނާއި މުނިސިޕަލްޓީގެ ދަފްތަރުގައި، ޖޫން، 30، 2011 ގެ ނިޔަލަށް ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. މީގެތެރެއިން ބައެއް މީހުންނަށް ވަނީ ފްލެޓް ލިބިފަ އެވެ.
ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓް ނުލިބި ދަތި ހާލުގައި ދިރިއުޅެމުންދާ 4،000 މީހުންކަމަށް ބުނެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރޭގައި އެމްޑީޕީގެ ބައެއް ކެންޑިޑޭޓުން ވަނީ ގެންގުޅެފައެވެ.