އިބްރާހިމް ޒަކީ
މިޔަރުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށާއި ފަތުރުވެރިންނަށް ލިބޭ ގެއްލުންތަކާއި އަނިޔާއިން ސަލާމަތް ކުރުމަށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ވެލަޔާއި ކަހަނބު ހިފުމާއި ލޭނުމަސްވެރިކަން އަދި އެންދެރިނެގުން ހުއްދަކުރަން ގޮވާލައި ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހަޅުއްވަމުން ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު، އަބްދުﷲ ޖާބިރު ވިދާޅުވީ، ރާއްޖޭގެ ޓެރިޓަރީގައި އުޅޭ މިޔަރުތަކަކީ، އިންސާނުންނަށް ގެއްލުންދޭ މިޔަރު ތަކަކަށް ނުވި ނަމަވެސް ރާއްޖޭގެ ސަރަހައްދަށް ބޭރުން އައިސް ވަދެ އުޅޭ މިޔަރު ތަކަކީ، އެތަކެތީގެ ސަބަބުން އިންސާނުންނަށާއި، މަސްމަހާމެއްސަށް ގެންލުންދޭ މިޔަރުތަކެއްކަން އޭނާ ހެއްދެވި ދިރާސާތަކުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެ މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށާއި ފަތުރުވެރިންނަށް ލިބޭ އަނިޔާތައް ބޮޑުވަމުންދާކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވީ، މީގެ ދުވަސްކޮޅެއް ކުރިން ފަތުރުވެރިޔެއްގެ އަތް މިޔަރު ކާލާފައިވާ ކަމަށެވެ. އަދި އޭގެ ކުރިން ފ. ބިލެތްދޫ މީހެއްގެ ފައި ކާލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި، މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ބިރުވެރި ނުރައްކަލުން އެ ފަރާތްތައް ސަލާމަތް ކޮށްދޭން ޖެހޭ ކަމަށެވެ.
އެކަން ހުއްޓުވުމަށް ކުރަން ޖެހޭ ކަންތައްތަކުގެ ތެރެއިން ގަރާރުގައި، ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވެފައިވަނީ، ރާއްޖޭގެ ކަނޑުގެ 50 މޭލުން އެތެރެ ސަރަހައްދުގައި ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމާއި، އެއްވެސް ހުރަހެއް ނެތި ރާއްޖޭގެ ނޫ އިގްތިސާދުގެ ނަފާ ރައްޔިތުންނަށް ލިބިގެންދާނެ ގޮތަކަށް، ވަކި ގަވާއިދެއްގެ ދަށުން މިޔަރާއި ކަހަނބާއި އެންދެރި ނެގުމަކީ މަސްވެރިކަމުގެތެރޭގައި ހިމެނޭ ހުއްދަ ކަމެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ރައީސުލް ޖުމްހޫރިއްޔާއަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
މީގެ އިތުރުން ދިވެހި ކަނޑުތަކުގައި އުޅޭ، އިންސާނުންނަށް ހަމަލާ ދޭ ނުރައްކާތެރި މިޔަރުގެ ބާވަތްތައް ދެނެގަތުމުގެ މަސައްކަތް މިހިނދުން މިހިނދަށް ފެއްޓުމަށާއި، އެތަކެތީގެ ސަބަބުން މަސްވެރިންނަށާއި ފަތުރުވެރީންނަށް ކުރިމަތިވާ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް މިހިނދުން މިހިނދަށް އެޅުމަށްވެސް ޖާބިރު ވަނީ ގޮވާލައިފައެވެ.