އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވީ ބާޒާރުމަތިން ހިންގަވާފައި ކަމަށާއި، ކޮރޯނާ ވައިރަހާ ގުޅިގެން ކަންބޮޑުވެގެން އަވަސް އަރުވާލައިގެން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެއްވެސް ބަޔަކު އެއްޗެހި ގަންނަން ދުވާތަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ކޮވިޑް19 އާގުޅިގެން ކުރިމަތިވެދާނެ ކަމަކުން، ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލަން ޖެހިއްޖެނަމަ، ރައްޔިތުންނަށް ދަތި ނުވާނެ ފަދައިން، ތެލާއި ކާޑުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް، ރައްޔިތުންނަށް ދަތު ނުވާނެހެން ލިބެން ހުންނާނެ ގޮތް ހެދުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލައަށް ކުރިއަށް ގެންދިޔަ ބަހުސްގައި، ނައިފަރު ދާއިރާގެ މެންބަރު ދެއްކެވި ވާހަކަ ހުއްޓުވުމަށްފަހު ދެއްކެވި ވާހަކަފުޅުގަ އެވެ.
މި މައްސަލައިގެ ބަހުސްގައި އަހުމަދު ޝިޔާމް ވިދާޅުވީ، ކޮވިޑް19 އާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގައި އަސާސީ ކާބޯތަކެތި ގަތުމަށް މީހުން އަވަސްވެގަތް ގޮތަށް، ރާއްޖޭގައި ވެސް ރައްޔިތުން އަވަސްވެގަނެފައިވާ ކަމަށާއި، ކާބޯތަކެތި ހޯދަން އެކި ދިމަ ދިމާލަށް ރައްޔިތުން ދުވަމުންދާ ކަމަށެވެ. އަދި ހާދިސާއެއް ދިމާވެއްޖެނަމަ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާޑު ނެތް ކަމަށާއި، ބޭސް ފިހާރަ ތަކުގައި އަސާސީ ބޭސް ވެސް ލިބެން ނެތް ކަމަށް ޝިޔާމު ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުން އެބަ ދުވޭ އެކި ދިމަ ދިމާލަށް ކާބޯތަކެތި ހޯދަން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަށް ގުޅީމަ މަގާމު ދިފާއު ކުރުމަށްޓަގައި ވިދާޅުވާނެ ހުރިހާ އެއްޗެއް ހަމައޭ، ނަމަވެސް ގުދަން ބަލަހައްޓާ މީހާއަށް ގުޅައިލީމަ އެނގޭނެ ކާޑު ހުރި މިންވަރާއި، ދެންހުރި މިންވަރު، އަޅުގަނޑަށް އެނގޭ ކަމަކީ، ރާއްޖޭގައި ހުރި ބޭސް ފިހާރަތަކުގައި އަސާސީ ބޭސްގުޅަވެސް މިހާރު ނެތް ލިބޭކަށް،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމުގެ ވާހަކަ ހުއްޓުވާލައްވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވީ ބާޒާރުމަތުން ހިންގަވާފައި ކަމަށާއި، އެއްވެސް ބަޔަކު އަވަސް އަރުވާލައިގެން ކާބޯތަކެތި ހޯދަން ދުވާތަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެއްވެސް މެންބަރަކު ބޭސްފިހާރަޔަކަށް ވަޑައި ނުގަންނަވާ ކަމަށާއި، ބޭސް ނެތިގެން ބަޔަކު އެވާހަކަ ދައްކާފައި ނުވާ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެއްވެސް މީހަކު ކަންބޮޑުވެގެން ނޫޅޭ ކަމަށެވެ.
"ރާއްޖޭގައި އެއްވެސް މީހަކު ކާއެއްޗެއް ގަންނާކަށް އެއްތަނުން އަނެއް ތަނަށް ދުވެ އުޅެނިކޮންނެއް އަޅުގަނޑަކުވެސް ނުދެކެން، އިއްޒަތްތެރި މެންބަރަކުވެސް ނުދެކޭ، އަޅުގަނޑު މިއަދު މަޖިލީހަށްވެސް މިއައީ ހިނގާފަ ބާޒާރުމަތިންލާފަ، ހަމަ އެކަކުވެސް ނުދުވޭ، ހަމަ އެކަކުވެސް ނޫޅޭ ކާ އެއްޗެއް ވެސް އަވަސް އަރުވާލައިގެން ގޮސް ގަންނާކަށް، އަދި ބޭސްގުޅައެއް ގަންނަން އިއްޒަތްތެރި މެންބަރު ވެސް ވަޑައިގަތީ އަކީނޫން ބޭސްފިހާރައެއްގައި އެހީއަކީވެސް ނޫން އަޅުގަނޑުމެން އަތުގައި ބޭސް ނެތިގެނެއް މީހަކު އެއްޗެއް ބުނެ ހަދާފައި އޮތީކީއެއްވެސް ނޫން އެހެންނަމަވެސް އަޅުގަނޑު މިއައީ ބޭސް ފިހާރަވެސް ބަލާފަ މިއަދު ހެނދުނު،" މަޖިލިސް ރައީސް ވިދާޅުވިއެވެ.