ރައްޔިތުންގެ މަޖިލިސް

ތެލާއި ކާޑު އެތެރެކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19އާ ގުޅިގެން ދިމާވެދާނެ ކަމަކުން ސަލާމަތް ވުމަށް ރައްޔިތުންނަށް ދަތި ނުވާ ވަރަށް ތެލާއި ކާޑުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް، ދަތި ނުވާނެ ފަދަ ގޮތަކަށް ރާއްޖޭގެ އެކި ހިސާބުން އެތަކެތި ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެއާ އަވަށްޓެރި ގައުމުތަކުގައި ހަލުވި ކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން ދާއިރު، ރާއްޖެއަށްވެސް މި ބަލި ފެތުރުމުގެ ބިރު، ވަރަށް ބޮޑުކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބުނަމުންދާ ކަމަށެވެ.

އަދި ރާއްޖެ އަަކީ ތެލާއި ކާޑުގެ ބާވަތްތައް ރާއްޖޭން ބޭރުން އެތެރެކުރާ ގައުމަކަށްވެފައި، އެތަކެތި އަތޮޅުތަކަށް ބެހިގެން ދަނީ އާއްމުން ދަތުރުކުރާ އުޅަނދު ތަކުގައި މާލެއިން ކަމަށްވާއިރު ރަށްރަށުގައި ތެލާއި ކާޑުގެ ބާވަތްތަކާއި ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ އެހެނިހެން ތަކެތި ރައްކާ ކުރެވެން ނުހުންނާތީ ރަށްރަށުގެ ފިހާރަތަކަށް މާލޭން އެތަކެރި ގެންދަނީ ގިނަވަގެން ދެ ހަފްތާއެއްހާ ދުވަހަށް ކަމަށްވެސް ވިދާޅުވިއެވެ.

އަދި ރާއްޖެއިން ކޮރޯނާ ވައިރަސް ފެނިއްޖެނަމަ ރާއްޖެއަށް ދަތުރު ކުރާ އާގުބޯޓު ފަހަރުގެ ދަތުރު ކުރުން ހުއްޓި، ތެލާއި ކާޑުގެ ބާވަތްތައް އެތެރެ ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަރތިވެދާނެ ކަަމަށްވެސް ވިދާޅުވެފައިވެއެވެ.

އަދި އެކަށީގެންވާ މުއްދަތަކަށް މުޅި ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދުރާލާ އެތެރެކޮށްފައި ނުވާތީ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުން ލިބޭނެ އިންތިޒާމެއް ހަމަޖައްސާފައިނުވާތީ އާއި އެއްވެސް ރަށަކަށް ދަތުރު ކުރުން ހުއްޓާލަން ޖެހިއްޖެނަމަ އެރަށަކަށް ކާޑުގެ ބާވަތްތައް އެތެރެ ކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިފައި ނުވާކަންވެސް ޝަރީފް ފާހަގަ ކުރައްވާފައިވެއެވެ.

ވައިރަހާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ތެލާއި ކާޑުގެ ދަތިކަން ނުފޯރާނެކަން ކަށަވަރު ކުރުމަށް، އެތަކެތި ދުރާލައި ރާއްޖެއަށް އެތެރެކޮށް ބޭނުންވާ މިންވަރަށް ރާއްޖޭގެ އެކި ހިސާބުތަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް، މި ކުއްލި މައްސަލައިގަ ސަރުކާރަށް ވަނީ ގޮވާލައިފައެވެ.