ވަޒީފާ އަދާކުރާ ފަރާތްތަކަށް ދޭން އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖް) ކަނޑައަޅާއިރު، ބިދޭސީން އިސްތިސްނާ ކުރުމަކީ ވަޒީފާގެ ބާޒާރުގައި ބިދޭސީންގެ އަގު ހެޔޮވެ ދިވެހިންނަށް ވަޒީފާގެ ބާޒާރު ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާާޅުވެއްޖެ އެވެ.
މިނިވަން ވޭޖާ ބެހޭ ރިޕޯޓަށް ބަހުސް ކުރުމަށް ކުރިއަށް ގެންދިޔަ، ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެ މެންބަރުން ވިދާޅުވީ މިނިމަމް ވޭޖުން ބިދޭސީން މަހްރޫމު ކުރުމަކީ އެކަމުން ލިބެން އޮތް ފައިދާއަކަށްވުރެ ބޮޑު ގެއްލުމެއް ހިމެނޭ ކަމެއް ކަމަށެވެ.
އެކަމާގުޅިގެން ދިމާވާނެ ނުރައްކަލެއް އެބަ އޮތްކަން ފާހަގަ ކުރައްވައި، މާވަށު ދާއިރާގެ މަޖލިސް މެންބަރު، އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ސިނާއަތްތަކަށް ބިދޭސީން އިތުރުވެ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ނުލިބި ހިނގައިދާނެ ކަމަށެވެ.
އެހެން ކަންތައް ކޮށްފިނަމަ، ގެސްޓުހައުސް ކަހަލަ ފަތުރުވެރިކަމުގެ ދާއިރާ ތަކަށް ކުއްލި ގޮތަކަށް ބިދޭސީންތަކެއް އިތުރު ކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށާއި، އެކަމުގެ ސަބަބުން ދިވެހިންނަށް ލިބޭ ފުރުސަތުތައް ބްލޮކް ވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ މިނިވޭޖް ކަނޑައެޅުމުގައި ބިދޭސީން އިސްތިސްނާ ކުރާނަމަ ދިވެހިންނަށް ވަޒީފާ ދިނުމުގެ ބަދަލުގައި ބަޒާރުން ހެޔޮ އަގުގައި ލިބޭ ބިދޭސީންނަށް ވަޒީފާތައް ލިބިގެން ހިނގައިދާނެ ކަމަށެވެ. އަދި އެއް އުސޫލަކުން އެ ބުނެވެނީ "ދިވެހިންނަށް ވަޒީފާ ނުދޭށޭ،" ކަމަށްވެސް ބޮންޑެ ވިދާޅުވިއެވެ.
މިނިމަމް ވޭޖު ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް އެދިވަޑައިގެން، އިކޮނޮމިކް މިިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ދެ ރިޕޯޓެއް މަޖިލީހަށް ފޮނުވައިފައެވެ. އޭގެ ތެރޭގައި މިނިމަމްވޭޖް ކަނޑައެޅުގައި މިނިސްޓަރަށް ލަފާދޭ ބޯޑުުގެ ރިޕޯޓާއި، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާ ދީފައިވާ ރިޕޯޓް ހިމެނެއެވެ.
މިނިމަމް ވޭޖް ބޯޑުން މިނިސްޓަރަށް ލަފާ ދީފައި ވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށެވެ. އެއީ ވަކި ސިނާއަތެއް އިސްތިސްނާ ނުވާ ގޮތަށެވެ. ނަމަވެސް ފުރަތަމަ މިނިމަމް ވޭޖް ލާޒިމު ކުރާއިރު ބިދޭސީން ނުހިމަނާނެ ކަމަށް ބުނެފައި ވެއެވެ.
އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާ ދީފައި ވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6،000 ރުފިޔާ އާއި 6،500 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.