އުރީދޫ މޯލްޑިވްސްގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާ ޑިރެކްޓަރަކަށް ފަރީހާ ޝަރީފު އިންތިހާބު ކޮށްފިއެވެ.
ފަރީހާ މި މަގާމަށް އިންތިހާބު ކޮށްފައިވަނީ ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އުރީދޫ މޯލްޑިވްސް ގެ އަހަރީ އާންމު ޖަލްސާގައެވެ.
އުރީދޫގެ އާންމު ހިއްސާދާރުން ތަމްސީލު ކުރާ ޑިރެކްޓަރުގެ މަގާމަށް ފަރީހާގެ އިތުރުން ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ؛
-އިބްރާހީމް ފިރުޝާން،
- އާއިޝަތު ހުސައިން މަނިކު އަދި
- އިބްރާހީމް ޝަރީފު މުހައްމަދު އެވެ.
ފަރީހާ އަކީ މީގެ ކުރިން ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ފަރީހާ އަކީ ރާއްޖޭގެ ފައިނޭންސިން ދާއިރާގައި ފާހަގަ ކޮށްލެވޭ ފަރާތެކެވެ. އޭނާ އަކީ އެފްޖޭއެސް ކޮންސަލްޓިންގް ޕްރައިވެޓް ލިމިޓަޑްގެ ސީނިއާ ޕާޓްނަރެއްގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ރޭ ބޭއްވި އުރީދޫ އަހަރީ އާންމު ޖަލްސާގައި އުރީދޫގެ އާންމު ހިއްސާދާރުން ތަމްސީލު ކުރާ ޑިރެކްޓަރު ހޮވުމަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ އީ ވޯޓިންގެ ޒަރިއްޔާއިންނެވެ. މިއީ އުރީދޫން އީވޯޓިންގް ސިސްޓަމް ބޭނުންކުރި ފުރަތަމަ ފަހަރެވެ.