ކުޅިވަރު

ދެ ވަނަ ޑިވިޝަންގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ މާޒިޔާ އަށް ސޮއިކޮށްފި

އައިދާ އަބްދުލް ހަކީމް

މިއަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ފޯވާޑް އާދަމް ނިޒާމް (ކިތުނާ) މާޒިޔާ އަށް ސޮއިކޮށްފިއެވެ. މިއަހަރުގެ ދެވަނަ ޑިވިޝަންގައި ކިތުނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާ ވަނީ ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުންވެސް ޖާގަ ހޯދާފައެވެ.

މާޒިޔާގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޝިފާއު(ކޮކީ) "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި މާޒިޔާ ކުޅެން ހަމަޖެހިފައިވާ މެޗްތަކެއް ކުޅުމަށް ތިން މަސްދުވަހުގެ މުއްދަތަކަށް ކިތުނާ މާޒިޔާ އަށް ކުޅުމަށް އެއްބަސް ވެފައިވާ ކަމަށެވެ. ކޮކީ ވިދާޅުވީ ކިތުނާ އަކީ ރިސޯޓުގައި ވަޒީފާ އަދާކުރާ މީހަކަށް ވުމުން މާގިނަ ދުވަހަށް މާލޭގައި މަޑު ކުރެވެން ނެތުމުން ރިސޯޓުން ރިލީޒް ދީފަހުރި ދުވަސްކޮޅަށް ގެނައީ ކަމަށެވެ.

ދެ ވަނަ ޑިވިޝަނުގެ ރަނަރަޕް ސުޕަރ ޔުނައިޓެޑަށް ކިތުނާ ކުޅުނީ ބ. ސޮނޭވާފުށީގައި ވަޒީފާ އަދާކުރަމުންނެވެ. ބ. ގޮއިދުއަށް އުފަން ކިތުނާ ވަނީ ދެ ވަނަ ޑިވިޝަނުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ހަތް ގޯލާއެކު ލަނޑު ލިސްޓުގެ އެއް ވަނަ ވެސް ހޯދައިފަ އެވެ. ރިސޯޓުގައި ވަޒީފާ އަދާކުރަމުން ކިތުނާ ދެ ވަނަ ޑިވިޝަނުގެ މެޗުތައް ކުޅުނީ ސުޕަރ ޔުނައިޓެޑް މެޗުތައް ކުޅުނު ދުވަހު މާލެ އައިސްގެންނެވެ.

މިއަހަރުގެ ދެ ވަނަ ޑިވިޝަނުގައި ކުޅުނު ހަ މެޗުގެ ތެރެއިން މަހިބަދޫ ސްޕޯޓްސް ކްލަބް ނޫން ހުރިހާ ޓީމެއް ކޮޅަށް ކިތުނާ ވަނީ ގޯލު ޖަހައިފަ އެވެ. ގްރޫޕް ސްޓޭޖުގައި ދިވެހި ސިފައިންގެ ކްލަބް ކޮޅަށް ދެ ގޯލު ޖެހިއިރު 19 އަހަރުން ދަށުގެ ގައުމީ ޓީމު ކޮޅަށް ކިތުނާ ވަނީ އެއް ގޯލު ޖަހައިފަ އެވެ. އަދި، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޭޖޭ ސްޕޯޓްސް ކޮޅަށް ސުޕަރ ޔުނައިޓެޑްގެ ދެ ގޯލު ވެސް ޖެހީ ކިތުނާ އެވެ. އޭގެ ފަހުން ސެމީ ފައިނަލުގައި ކްލަބް ޕީކޭއާ ދެކޮޅަށް ގޯލު ޖަހައި މުބާރާތުގެ ހަތް ވަނަ ގޯލު ކިތުނާ ޖެހީ ފައިނަލުގައި ކްލަބް ވެލެންސިއާ ކޮޅަށެވެ.

މީގެ ކުރިން ވިކްޓްރީ ސްޕޯޓްސް ކްލަބުގައި ވެސް ކުޑަ ދުވަސްކޮޅަކު ހޭދަކުރި ކިތުނާ އަކީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން މީގެ ކުރިން ލިބުނު ހުށަހެޅުން ދޫކޮށްލި ކުޅުންތެރިއެކެވެ. އޭގެ ބަދަލުގައި އޭނާ ފެންނަނީ އަތޮޅު ފުޓްބޯޅަ އަށް އަމާޒުކޮށްގެން ބާއްވާ ގައުމީ މުބާރާތްތަކާއި ފުޓްސަލް މުބާރާތްތަކުންނެވެ. ކިތުނާ ވަނީ 2016 ވަނަ އަހަރު އޭދަފުށިން މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ގިނަ ގޯލުތަކެއް ޖަހައިދީފަ އެވެ. އަދި، 2018 ވަނަ އަހަރު ބ. ފެހެންދޫ ފުޓްބޯޅަ ޓީމް ދިރާގު ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިނުމުގައި ވެސް ކިތުނާގެ ދައުރު ބޮޑެވެ. އެ އަހަރު ކިތުނާ ވަނީ ފެހެންދޫ ޓީމާ އެކު ރާއްޖޭގެ ލީގުގެ ބައެއް މެޗުތަކުގައި ވެސް ކުޅެފަ އެވެ. މިހާރު 32 އަހަރުގެ ކިތުނާ އަށް ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުން ވެސް މީގެ ކުރިން ފުރުސަތުލިބިފަ އެވެ. އެކަމަކު ކެރިއަރެއްގެ ގޮތުގައި ފުޓްބޯޅަ ނުނަގައި ކިތުނާ ފެންނަނީ ރިސޯޓުގައި ވަޒީފާ އަދާކުރަމުން އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ކާމިޔާބީ ހޯދާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.