އިބްރާހިމް ޒަކީ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތާއީދު ކުރާ ހުރިހާ ކެންޑިޑޭޓުންނަށް ޑީއާރުޕީން ތާއީދު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، "ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ބިލު"ގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ވަރަށް ރަނގަޅު ސަރުކާރެއް ކަމަށެވެ.
މަތީތައުލީމާބެހޭގޮތުން ގާނޫނެއް ހަދައި އެ ގާނޫނު ފުރިހަމަ ކުރުމަށް ސަރުކާރުން ވިސްނުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި މިއަދުގެ ސަރުކާރަކީ ރަނގަޅު ސަރުކާރެއް ކަމަށާއި މި ސަރުކާރުން ވަނީ އަދުލު އިންސާފު ގާއިމުކޮށްދީފައި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތާއީދު ކުރާ ހުރިހާ ކެނޑިޑޭޓުންނަށް ޑީއާރުޕީން ތާއީދު ކުރާނެ ކަމަށް ޖާބިރު ވިދާޅުވިއިރު، ކައުންސިލްތަކުގެ އިންތިހާބަށް ޑީއާރުޕީން ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓެކެވެ. ނަމަވެސް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން 876 ކެންޑިޑޭޓުން ވާދަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.