އިލެކްޝަންސް ކޮމިޝަން

އީސީއަށް މެންބަރަކު އައްޔަން ކުރަން ފޮނުއްވި ބޭފުޅުންނާ ބެހޭގޮތުން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އިބްރާހިމް ޒަކީ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަހުމަދު އަކުރަމްގެ ދައުރު މިމަހު 23 އަށް ހަމަވާތީ އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލެއްވި ފުރުސަތުގައި، އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަ ކުރައްވާފައިވާ ހަަތަރު ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް، އެ ބޭފުޅުންނާބެހޭ ގޮތުން ޝަކުވާއެއް އޮތް ނަމަ ހުށަހަޅަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފުރުސަތު ހުޅުވާލައިފިއެވެ.

އެ ބޭފުޅުންގެ ނަންތައް ދިރާސާކުރާ ކޮމިޓީއަށް، މަޖިލީހުގެ ރައީސް ފޮނުއްވީ އިއްޔެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތް ނަމަ މިމަހު އަށްވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން ޝަކުވާއެއް އޮތް ނަމަ އެ ފަރާތެއްގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނުނަމްބަރު އެނގޭ ގޮތަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މެއިލް ކުރެއްވުން، ނުވަތަ މަޖިލީހުގެ އިދާރާއައް ލިޔުމަކުން ފޮނުއްވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ކޮމިޓީން ބުނެފައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލް ޖުމްހޫރިްޔާ މަޖިލީހަށް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި ހިމެނިވަޑައިގަންނަވަނީ މިމަހު 23 ގެ ނިޔަލަށް އެ ކޮމިޝަންގެ މެންބަރުކަމުގެ މުއްދަތު ހަމަވާ، އެ ކޮމިޝަންގެ މިހާރުގެ ވެސް ނައިބު ރައީސް އަހުމަދު އަކުރަމްގެ ނަމެވެ.

ދެވަނައަށް ހިމެނިވަޑައިގަންނަވަނީ އީސީގެ ކުރީގެ މެންބަރެއް ކަމަށްވާ އަހުމަދު ފަޔާޒް ހަސަންގެ ނަމެވެ.

ފަޔާޒް މީގެ ކުރިން އިންފޮމޭޝަން ކޮމިޝަނަރު ކަމަށްވެސް ކުރިމަތި ލެއްވި އެވެ. ނަމަވެސް މަޖިލީހުން ރުހުން ލިބިވަޑައިގެންފައެއް ނުވެއެވެ.

ކޮމެޓީއަށް ފޮނުއްވި ނަންތައް:

  • އަހުމަދު އަކުރަމް ފަރީދީނޫރު ހއ. ހޯރަފުށީ
  • އަހުމަދު ފަޔާޒް ހަސަން މ.ހަޒާރީވިލާ
  • މަރިޔަމް ހަނީފާ ހާލިދު އަނބުގަސްދޮށުގެ ހއ.ކެލާ
  • އަހުމަދު މަންސޫރު ވ.ރިވެތި