މަޖިލީހުގެ ރައީސް

ކިޔަވަން ދޫކުރާ ލޯނުގެ އިންޓްރެސްޓް އެއް ޕަސެންޓަށް، މަތީތައުލީމުގެ ބިލުން ބަދަލުވާނެ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

3

މަތީ ތައުލީމާއި ތަމްރީން ހޯދުމަށް ދަރިވަރުންނަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް އެއް ޕަސެންޓަށް ދިވެހި ރާއްޖޭގެ މަތީ ތައުލީމުގެ ބިލުން ހަމަޖެހިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުުގެ ފަރާތުން ހުށަހެޅި، ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފަށައިފައެވެ.

މި ބިލް މަޖިލީިހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

މެންބަރު ބިލު ހުށަހެޅުއްވުމުން، ބިލަށް ބަހުސް ކުރުމަށް ހުޅުވާލެއްވި ފުރުސަތުގައި ބައެއް މެންބަރުން ބިލްގައިވާ ކަންތައްތައް ފާހަގަ ކުރެއްވުމުން، މަޖިލިސް ރައީސް ވިދާޅުވީ، ދަރިވަރުންގެ ލޯނުގެ އިންޓްރެސްޓް ތިން ޕަސެންޓުން އެއް ޕަސެންޓަށް ގެނައުމަށް ބިލުގައި އިޝާރާތް ކޮށްފައިވާ ކަމަށެވެ.

"މެންބަރުން ފާހަގަ ކުރައްވާ ދަރިވަރުންގެ ލޯނުގެ އިންޓްރެސްޓް ތިންޕަސެންޓުން އެއްޕަސެންޓަށް ގެނައުމަށް ބިލްގެ ތިންވަނަ މާއްދާގެ (ހ)ގެ 11 ވަނަ ނަންބަރު އިޝާރާތްކުރޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ބިލުގައި ސަރުކާރުގެ ޔުނިވަސިޓީގެ ގޮތުގައި ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓި ކަނޑައަޅާފައިވާ ކަމަށެވެ. އަދި ސަރުކާރު ޔުނިވާސިޓީތައް ހިންގުމުގެ އޮނިގަނޑުވެސް އެބިލުގައި ފާހަގަ ކުރައްވާފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިހާތަނަށް މި ބިލަށް ވާހަކަ ދެއްކެވި ގިނަ މެންބަރުންވެސް ވިދާޅުވެފައިވަނީ މި ބިލުން ތައުލީމީ ލޯނުގެ އިންޓްރެސްޓް ތިން ޕަސެންޓުން އެއް ޕަސެންޓަށް ކުޑަވެގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން މަތީ ތައުލީމުގެ ފުރުސަތުތައް އިތުރަށް ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެކުރިން ހަ ޕަސެންޓްގެ އިންޓްރެސްޓްގައި ދޫކުރަމުން އައި ލޯނު މިސަރުކާރުން މިހާރު ވަނީ ތިން ޕަސެންޓަށް ކުޑަކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟