ރައްޔިތުންގެ މަޖިލިސް

މިނިމަމް ވޭޖް ކަނޑައަޅަން އަހަރު ދުވަސް ވޭތުވީ ކަމާބެހޭ ދިރާސާއެއް ނެތުމުން: މެންބަރު ޖީހާން

އިބްރާހިމް ޒަކީ

2

ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ދޭ އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖް) ކަނޑައަޅަން އަހަރު ދުވަސް ވޭތުވެގެން މިދިޔައީ، ކަމާބެހޭ ދިރާސާއެއް ހެދިފައި ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު، ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި "ދިވެހި ރާއްޖޭގެ މަތީތައުލީމުގެ ބިލު"ގެ ބަހުސްގައި، އެބިލުގައި އުފައްދަން ހިމަނާފައިވާ ރިސާޗް ކައުންސިލްގެ މުހިއްމުކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މެންބަރު ޖީހާން ވިދާޅުވީ، މި ވަގުތަކީވެސް އެފަދަ ރިސާޗް ކައުންސިލެއްގެ މުހިއްމުކަން އެނގިގެންދާ ވަގުތުކޮޅެއް ކަމަށެވެ. އަދި މިފަދަ މުހިއްމު ކަމެއް ނިންމަން ޖެހޭ ވަގުތު ކަމުގައިވާ، މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭ ދަނޑިވަޅުގައި ވޭތުވެދިޔަ އެއްއަހަރު އިންތިޒާރު ކުރަން މި ޖެހުނު ސަބަބަކީ އެއާ ގުޅުން ހުރި ދިރާސާއެއް މި ރާއްޖޭގައި ހެދިފައި ނެތުން ކަމަށް ވެސް ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައަޅަންވީ ކިހިނެއްތޯ، އާއި ކޮން އަދަދަކަށްތޯ، އާއި ވޭޖް ކަނޑައަޅަން އެންމެ ރަނގަޅު ގޮތަކީ، އަދި އެންމެ ރަނގަޅު އަދަދުތަކަކީ

ކޮބައިކަން ބެލެން ނެތް ކަމަށެވެ. އަދި އެފަދަ މުހިއްމު ސިޔާސަތުތައް ނިންމުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރެވިފައި ނެތުމުން ސާބިތު ކަމާއެކީ އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ "ދިވެހި ރާއްޖޭގެ މަތީތައުލީމުގެ ބިލު" ގާނޫނަކަށް ވެގެން އުފައްދާ ރިސާޗް ކައުންސިލްގެ ސަބަބުން އެކަން ކަމަށް ހައްލު އަންނާނެ ކަމަށެވެ.

މިނިމަމްވޭޖް ކަނޑައެޅުން ލަސްވެގެން އެކި ފަރާތްތަކުން ކަނބޮޑުވުން ފާޅު ކުރަމުންދާއިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ މިނިމަމްވޭޖް ކަނޑައެޅުމާބެހޭ ގޮތުން ލަފާ ހޯއްދެވުމަށް ރައްޔިޔުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެ މައްސަލަ އޮތީ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ކަމަށެވެ. އަދި ކޮމިޓީން ދިރާސާ ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ފެންނަ މިނިމަމްވޭޖުގެ އަދަދު އެ ކޮމިޓީ ރިޕޯޓްގައި ކަނޑައަޅައި ފާސްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ލަފަޔަކަށް އިކޮނޮމިކް މިނިސްޓްރީއިން އެދިފައިވާ މައްސަލަ މި މަހުގެ 11 ވަނަ ދުވަހަށް ނިންމުމަށް އިގްތިސާދީ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟