ބޮލީވުޑް

ސައިފްއާއެކު އެއްވެސް ދެބަސްވުމެއް ނުހިނގާ: އަޖޭ

އަޖޭ ދޭވްގަންގެ ފިލްމު ތަންހާޖީ: ދަ އަންސަންގް ވޮރިއާ ގައި ކޯ-ސްޓާ ސައިފް އަލީ ޚާން އާއެކު ދެބަސްވުމެއް ހިނގިކަމަށް ދެކެވޭ ވާހަކަތައް އަޖޭ ދޮގުކޮށްފިއެވެ.

އެވާހަކަ އަޖޭ ދޮގުކުރީ އަކްޝޭ ކުމާރު އަދި ކެޓްރީނާ ކައިފްގެ ފިލްމު "ސޫރްޔަވަންޝީ"ގެ ޓްރެއިލާ ލޯންޗު ކުރުމަށް ބޭއްވި ހަފުލާގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ދިން ޖަވާބުގައެވެ.

އަޖޭ ބުނީ އޭނާ އާއި ސައިފްއާ ދެމެދު އެއްވެސް ދެބަސްވުމެއް އަދި އަރައިރުމެއް ނުހިނގާ ކަމަށެވެ. އެކަހަލަ އަޑުތައް އިވެނީ އަދި ފަތުރަނީ ކީއްވެތޯވެސް އަޖޭ ވަނީ ސުވާލު އުފައްދާފައެވެ.

ޖެނުއަރީގައި ރިލީސްކުރި ތަންހާޖީ ފިލްމަކީ މިއަހަރު މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި އަދިވެސއ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އަޖޭގެ އަންހެނުން ބަތަލާ ކާޖޮލްވެސް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް އިންޑިއާއިން އެކަނިވެސް މިހާތަނަށް 275 ކަރޯޑް އިންޑިއަން ރުޕީސް ވަނީ ލިބިފައެވެ.