ކޯލިޝަނުގެ ތެރެއިން އަދާލަތު ޕާޓީއަށް ހައްގު މިންވަރު ލިބެން ޖެހޭ ކަމަށާއި އެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮންމެވެސް ގޮތްތަކެއް ރާއްވަވައިދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރަކަށް އަދާލަތަށް ނިސްބަތްވެވަޑައިގަންނަވާ ޝިދާތާ ޝަރީފު ހުންނެވި ނަމަވެސް، މިދިޔަ މަހުގެ ހަވަނަ ދުވަހު ޝިދާތާ ވަނީ މަގާމުން އިސްތިއުފާދެއްވައިފައެވެ. ޝިދާތާގެ ބަދަލުގައި މިނިސްޓަރަކަށް އައްޔަންކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުގެ މަގާމު އަދާކުރެއްވި އައިޝަތު މުހައްމަދު ދީދީއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ އަދާލަތު ޕާޓީއަށް ލިބެން ޖެހޭ ހައްގު މިންވަރު ލިބިދިނުމަށްޓަކައި ރައީސް ސޯލިހު ކޮންމެވެސް ގޮތްތަކެއް ހައްދަވައިދެއްވާނެ ކަމަށާއި އެކަމަށް ވަގުތުކޮޅެއް ނަގާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި އަދާލަތު ޕާޓީއަށް ކޯލިޝަންގެ ތެރެއިން ލިބެން ޖެހޭ އެ ހައްގު މިންވަރު ލިބެން ޖެހޭ. އަދި އެކަމުގައި ކޮންމެވެސް ގޮތްތަކެއް ރާވާނެ ކަމަށް ރައީސް އޮތީ ވިދާޅުވެފައި. އެހެންވީމާ އަޅުގަނޑު ހިތުން އަދާލަތު ޕާޓީއަށް ލިބެންޖެހޭ ހައްގު މިންވަރު ލިބިދިނުމަށްޓަކައި ރައީސް ކޮންމެވެސް ގޮތްތަކެއް ހައްދަވައިދެއްވާނެ. އެކަމަށް ވަގުތުކޮޅެއް ނަގާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ޝިދާތާ އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވީ އޭރު އުފެދިގެންދިޔަ އެތައް ބައިވަރު މައްސަލަތަކަކާއި އަދި ޖެންޑާ މިނިސްޓްރީގެ އެތެރޭގައި ހުރި އެތައް ބައިވަރު ކަންތައްތަކަކާ ގުޅިގެން ކަމަށާއި އެވަގުތުގައި ރައީސް ވަރަށް ކުއްލިގޮތަކަށް އައްޔަންކުރެއްވީ އެކަން ކުރެއްވުމުގައި ހުރިހާ ފަރާތްތަކުން މާބޮޑު މައްސަލައެއް ނުޖައްސާނެ ނުވަތަ ދެކޮޅު ނަހަދާނެ ކަހަލަ މެދުތެރޭގެ ބޭފުޅެއް ކަމަށެވެ.
"ޖެންޑާ މިނިސްޓަރު އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާ ހިސާބަށް ދިޔައީ ރާއްޖޭގައި އޭރު އުފެދުނު ވަރަށް ބޮޑު ނުތަނަވަސް ކަންތައްތަކަކާ ގުޅިގެން. ޖެންޑާ މިނިސްޓަރުގެ ސީދާ އިހުމާލެއް ނެތް ވަރަށް ބޮޑު ދެ މައްސަލައެއް ޖެންޑާ މިނިސްޓަރުގެ މައްޗަށް ގެނެވުނު. އޭރު ކަނޑުހުޅުދޫގައި ހިނގައިދިޔަ ހާދިސާގައި ޖެންޑާ މިނިސްޓަރުގެ އެއްވެސް އިހުމާލެއް އޮތް ކަމަކަށް ބުނާކަށް ނުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ ސިޔާސީގޮތުން މަސައްކަތްކުރާ މީހަކު އޭނާ ދަށަށް ދިއުމާއި ކުރިއަރައިގެން ދިއުމަކީ ހަމައެކަނި ސަރުކާރުގެ މަގާމުގައި ހުރުމާއި ނެތުމުގެ މައްޗަށް ބިނާވާކަމެއް ނޫން ކަމަށާއި ޝިދާތާ ވެއްޓުނު ވަރަށްވުރެ ބާރަށް ތެދުވެ، ސިޔާސީ މަސައްކަތުގައި ކުރިއަރައިގެން ދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.