ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު ދެއްކެވީ މީޑިއާތަކަށް ހިނިތުންވުން ގެނެސްދިން މަންޒަރެކެވެ. ރާއްޖޭގެ މީޑިއާ ތަކަށް އަމިއްލަފުޅަށް ވަޑައިގެން މީޑިއާގެ މަސައްކަތުގެ އަގު ވަޒަން ކުރައްވައި ނަމޫނާދެއްކެވި އެވެ. ރައީސް ކަމަށް ވަޑައިގަތުމާ އެކު ވަނީ، ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް އޮތް "އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ ގާނޫނު" އުވައިލައްވައިފަ އެވެ. އެއީ މީޑިއާ އިން ބަލައިގަންނަ ކަމެކެވެ. ވެރިކަމަށް ވަޑައިގެންނެވީ މީޑިއާ އަށް ފުރިހަމަ މިނިވަންކަންދީ މީޑިއާއަށް ފަހި ވެއްޓެއް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. އެހެން ކަމުން އެކަމަށް މީޑިއާއިން ކުރާ އުއްމީދު ބޮޑެވެ.
ރައީސް ސޯލިހުގެ ސަރުކާރަށް މާދަމާ 10 ދުވަސް ފުރޭ އިރު ބައެއް ދިމަދިމާއިން ފެންނަނީ އެންމެ ހިތްގައިމު މަންޒަރެއް ނޫނެވެ. ނޫސްވެރިކަމަށް އެންމެ ފަހި ގޮތަށް ކަންކަން ކުރެވެމުން އަންނަ ތަނެއް ނުފެނެ އެވެ. ސަރުކާރަށް 10 ދުވަސް ފުރޭ އިރު ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނެއް ނެތެވެ. އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާއާ ގުޅޭ ގޮތުން އިވޭ އަޑުތަކާއި ފެތުރޭ ޚަބަރުތައް ޔަގީން ކުރާން ގުޅަންވީ ކާކަށް ކަމެއް ނޭނގެ އެވެ.
އެެޓާނީ ޖެނެރަލް ނުލައި 19 މިނިސްޓަރުން ކެބިނެޓުގައި ތިއްބެވި އިރު، މީޑިއާއާ ރައްޓެހީ ކަމަށް ފެންނަނީ ކުރީން ވެސް ސިސްޓަމް ތެރޭގައި މީޑިއާއާ ގާތްކޮށް އުޅުއްވި ބޭފުޅުން އެކަންޏެވެ. އެނޫން ބޭފުޅުންގެ ޚަބަރެއް ނެތެވެ. ވަޒީރުންގެ މަޖިލީހަށް 10 ދުވަސްވާ އިރު، ބައެއް މިނިސްޓަރުންގެ އެއްވެސް ހިލަމެއް ނުވެ އެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު، ޕްލޭނިން މިނިސްޓަރު، އެޑިޔުކޭޝަން މިނިސްޓަރު، އެޓާނި ޖެނެރަލް، އިކޮނޮމިކް މިނިސްޓަރު، ފިޝަރީޒް މިނިސްޓަރު އަދި ހައުސިން މިނިސްޓަރު ފަދަ ބޭފުޅުންގެ ހަރަކާތެއް ނުފެނެ އެވެ.
މިދެންނެވި މިނިސްޓަރުން ފިޔަވައި ދެން ތިއްބެވި ބޭފުޅުންގެ ވެސް ސިޔާސަތު ބޮޑަށް ފެންނަނީ އެބޭފުޅުން ބޭނުންފުޅުވާ ކަމެއް އެކަނި މީޑިއާއަށް ގެންނަން އުޅުއްވާ ކަހަލަ ގޮތަކަށެވެ. އެ ގޮތުން އެބޭފުޅުން ބާއްވަވާ ނޫސްވެރީންގެ ބައްދަލުވުން، އެބޭފުޅުން ކުރައްވާ ޓުވީޓުތައް ނޫނީ އެބޭފުޅުންގެ މިނިސްޓަރީން ނެރުއްވާ ބަޔާންތަކުން އެކަނި މީޑިއާއިން ޚަބަރު ހެދުން އެއީ ސިޔާސަތަކަށް ހައްދަވަން އުޅުއްވާހެން ވެސް ހީވެ އެވެ.
ވަޒީރު ކަމަށް ވަޑައިގެންނެވި ފަހުން މީޑިއާ ގުޅޭ ބައެއް ކަންކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފޯނު ކުރުމުން ޖަވާބެއް ނުދެއްވަ އެވެ. ހައުސިން މިނިސްޓަރާ ވެސް ގުޅޭނެ ގޮތެއް ނުވި އެވެ. އެހެން ބައެއް މިނިސްޓްރީ ތަކަށް ގުޅައިގެން މިނިސްޓަރާ ގުޅޭނެ ގޮތެއް އޮތްތޯ ބެލުމުން އެކަން ވެސް ކާމިޔާބެއް ނުވި އެވެ. ކެބިނެޓުގެ ގިނަ މިނިސްޓަރުންނާ ގުޅައިގެން އެބޭފުޅުންގެ ދާއިރާތަކުގެ ކަންކަން ސާފުކުރުން ވީ ވަރަށް އުނދަގޫ ކަމަކަށެވެ.
މީޑިއާ އަށް ފަސޭހައިން އެކްސެސްވުން ކަަމަށް ގަބޫލު ކުރެވެނީ މީޑިއާއިން ކަމެއް ސާފުކުރަން ބޭނުން ވުމުން މިނިސްޓަރުން ޖަވާބުދެއްވުމެވެ. ފޯނު ނުނެންގެވިއްޖެ ނަމަ މެސެޖަށް ނަމަވެސް ރިޕްލައިކުރެއްވުމެވެ.
މިނިސްޓަރުން އެބޭފުޅުން ހިންގަވާ ވަކި ކަމެއްގެ ފޮޓޯ ޓުވީޓުކުރައްވާތަން ވަރަށް ގިނައިން އެބަ ފެނެ އެވެ. ނަމަވެސް އެ މިނިސްޓަރުންނާ ކަމާ ގުޅޭ އިތުރު ސުވާލެއް ކުރާން ނުވަތަ އެހެން މައްސަލައަކާ ގުޅޭ ގޮތުން ކަމެއް ސާފުކުރަން ގުޅަން ކުރާ މަސައްކަތް ވަނީ ބޭކާރެވެ.
މީޑިއާ އަށް މިނިވަންކަން ދިނުމާއި މީޑިއާއާ ރައްޓެހި މާހައުލެއް ގާއިމް ކުރުމުގެ އެންމެ މުހިންމު ބަޔަކަށް ވާނީ ބޭނުންވާ މައުލޫމާތު ފަސޭހައިން ލިބޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށްދިނުމެވެ. ފޮރުވާ ނިޒާމް ދޫކޮށްލުމެވެ. ދެފުށް ފެންނަ ނިޒާމަކުން ކަންކަން ހިންގުމުގެ އެންމެ މުހިންމު ސިފަޔަކީ، ގާނޫނުން މީޑިއާ ތަކަށް ލިބެން ޖެހޭ މައުލޫމާތު ލިބިގަތުމުގެ ހައްގު ފުރިހަމައަށް ކަށަވަރުކޮށްދީގެން ވެރިކަން ހިންގުމެވެ. ސަރުކާރު ހިންގަން ބޭނުންވަނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް ވާނަމަ، އެކައުންޓަބަލް ކުރުވުމުގެ ފުރިހަމަ ބާރު މީޑިއާ އަށް ދޭން ޖެހޭނެ އެވެ. ދައުލަތުގެ ސިއްރުގެ ގޮތުގައި ނުހިމެނޭ ކޮންމެ މައުލޫމާތަކީ މީޑިއާއަށް ލިބެން ޖެހޭނެ މައުލޫމާތެކެވެ. "ތިޔަ މައުލޫމާތު ދޭ ގޮތަށް ހަމަޖައްސާފައެއް ނެތޭ"، "އަދި ކޮމެންޓެއް ނެތޭ" ނުވަތަ "ކޮމެންޓެއް ކުރަން ބޭނުމެއް ނެތޭ" ނުބުނެވޭނެ އެވެ. އޭރުން ވެސް އެ ވެވެނީ ގާނޫނާ ޚިލާފުކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތު ތަކުގެ ތެރެއިން ހުރިހާ ފަރާތްތަކަށް ސާފުކޮށްދޭން ޖެހެ އެވެ.
މިހާރު މި އޮތް މިންވަރަށް ވުރެ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އެވްރެޖު މިނިސްޓަރުންނާ ގުޅަން ފަސޭހަ އެވެ. މީޑިއާ ތަކަށް މިނިސްޓަރުންނަށް އެކްސެސް ވެވޭލެއް ފަސޭހަ އެވެ.
މިހާރު މި ފެންނަނީ ހަމަ އެކަނި ސަރުކާރުން "ދެއްވާ" ޚަބަރެއް ނުވަތަ ސަރުކާރުގެ މީހަކު ކޮށްލާ ޓުވީޓަކުން ޚަބަރު ހަދަން ޖެހިފައިވާ ތަނެވެ. މީޑިއާ އިން އަޅުގަނޑުމެން ބޭނުންވާ މައުލޫމާތު ލިބޭނެ މަގެއް ނުފެނެ އެވެ. ދައުލަތުގެ އެކި މުއައްސަސާތަކުން އަޅުގަނޑުމެން ބޭނުންވާ ކަންކަން ފަސޭހައިން ސާފުވާނެ ސިސްޓަމެއް އުފެދޭ ތަނެއް ނުފެނެ އެވެ. އަދި އުފެދެން ދެންވެސް އެކަން ކުރާން ބަޔަކު ބޭނުންވާ ތަނެއް ވެސް ނުފެނެ އެވެ.
މީޑިއާ ތަކާ ކުރިމަތިލައްވަން ގަސްދުގައި ބޭނުންފުޅު ނުވާ ނަމަ، އެފަދަ ވަޒީރުންނަށް ދަންނަވަން ޖެހެނީ ކެބިނެޓުގައި އިންނަވާ ނަމަ މީޑިއާއާ ވެސް ކުރިމަތިލައްވައި ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ ވާހަކަ އެވެ. ކޮންފިޑެންސް ނެތް ނަމަ، މިނިސްޓަރު ކަމުގެ ޝަރުތު ހަމަނުވަނީ ކަމަށް ރައްޔިތުން ނިންމާނެ އެވެ. މީޑިއާ އަކީ ދައުލަތުގެ ހަތަރު ވަނަ ބާރެވެ. ސަރުކާރު ޒިންމާދާރުކުރުވަން އޮތް އެންމެ މުހިންމު ބާރަކީ މީޑިއާ އެވެ. ރައްޔިތުން އެމީހުންނާ ގުޅުން ހުންނަ މުހިންމު ކަންކަން ސާފުކޮށްދޭން އެދެނީ މީޑިއާގަ އެވެ. އަދި މުހިންމު މައްސަލަތަކުގެ ޚަބަރުތައް ހޯދަނީ ވެސް މީޑިއާތައް މެދުވެރިކޮށެވެ. އެހެން ކަމުން ރައްޔިތުންގެ އުއްމީދުތައް ހުރި ފެންވަރުގައި ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް ބޭނުންވާ މައުލޫމާތު ލިބޭނެ ލުއި ނިޒާމެއް އަވަހަށް ގާއިމްކޮށްދެއްވާށެވެ. މިހާރު ވެސް ލަސްވެއްޖެ އެވެ.