ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް ވިދާޅުވީ، ލުތުފީގެ މައްޗަށް ކުރަނީ ގާނޫނުއުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން، މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި އެ ދައުވާކޮށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެއެވެ.
ލުތުފީއަކީ އޭނާ އިސްވެހުރެ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓްގެ ހަނގުރާމަވެރިންނާއެކު ނޮވެމްބަރު 3، 1988ގައި މާލެ އަރައި މާލެއަށް އުދުވާނީ ހަމަލާ ދިން މީހެކެވެ. އެ ހަމަލާގައި 19 ދިވެއްސަކު ޝަހީދުކޮށްލާފައިވެއެވެ.
އެ އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީގެ މައްޗަށް އެންމެ ފުރަތަމަ އިއްވީ މަރުގެ ހުކުމެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރިއެވެ.
އެ ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 16 ޖެނުއަރީ 2010ގައި ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން އުޅުނީ ފިލައިގެންނެވެ. ނުވަ އަހަރު ވަންދެން ފިލައިގެން އުޅުމަށް ފަހު ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ލުތުފީ ދިޔައީ މިދިޔަ މެއި މަހުގެ 1، ގައެވެ.
ނަމަވެސް ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުން އަލުން ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އަދި އޭނާ މިހާރު ހުރީ މާފުށީ ޖަލުގައެވެ.