ބޮލީވުޑް

ކޫލީ ނަންބަރު ވަންގެ ޝޫޓިން ނިންމާލުމަށްފަހު ސާރާ ރާއްޖޭގައި

ބޮލީވުޑް ބްލޮކްބަސްޓާ، ފިލްމު ކޫލީ ނަންބަރު ވަންގެ ރީމޭކުގެ ޝޫޓިން ނިންމާލުމަށް ފަހު ސާރާ އަލީ ހާން ރާއްޖެ އަތުވެއްޖެ އެވެ.

1995 ގައި ހިޓްވި ކޫލީ ނަންބަރު ވަންގައި ފެނިގެން ދިޔައީ ގޯވިންދާ އާއި ކަރިސްމާ ކަޕޫރެވެ. ރީމޭކުގައި ލީޑުން ފެނިގެންދަނީ ވަރުން ދަވަން އަދި ސާރާ އަލީ ޚާންއެވެ.

ފިލްމުގެ ޝޫޓިން ނިންމާލުމުގެ ގޮތުން ފިލްމުގެ ޓީމުން ހޮނިހިރު ދުވަހު ވަނީ ރެޕްއަޕް ޕާޓީއެއްވެސް ބާއްވާފައެވެ. ސާރާ މިވަނީ ޝޫޓިން ނިންމާލި ގޮތަށް ރާއްޖެ އައިސްފައެވެ. އެގޮތުން މިއަދު ރާއްޖޭގެ ރިސޯޓެއްގެ ބީޗުގައި އިނދެ ސާރާ ހިއްސާކުރި ފޮޓޯގައި ވަނީ މަންމަ އާއި ކޮއްކޮ މަތިން ހަނދާންވާ ވާހަކަ ބުނެފައެވެ.

ސާރާ މިފަހަރުވެސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ލަކްސް ރިސޯޓުގައެވެ. އެއީ އާ އަހަރު ފާހަގަ ކުރުމަށް މަންމަ އަމްރިތާ ސިންގް އަދި ކޮއްކޮ އިބްރާހީމް އާއެކު ވެސް ސާރާ ޗުއްޓީ ހޭދަ ކުރި ރިސޯޓެވެ.

އެންމެ ފަހުން ސާރާ ފެނިގެން ގޮސްފައިވަނީ ފިލްމު "ލަވް އާޖް ކަލް" އިންނެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ތަރުހީބެއް ނުލިބެއެވެ.

ސާރާ އަދި ވަރުންގެ ފިލްމު ކޫލީ ނަމްބަރު ވަން ރިލީސްކުރުމަށް ހަމަޖައްސާފައިވަނީ މެއި އެކެއްގައެވެ.

އެފިލްމުގެ އިތުރުން އާނަންދު އެލް ރާއީގެ ފިލްމު "އަތްރަންގީ ރޭ" ގައި ސާރާގެ ޑަބަލް ރޯލު ފެނިގެންދާނެއެވެ. ފިލްމުގައި ބަތަލުންގެ ގޮތުގައި ފެނިގެންދަނީ އަކްޝޭ ކުމާރާ ދަނުޝްއެވެ.