އިބްރާހިމް ޒަކީ
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަހުމަދު އަކުރަމްގެ ދައުރު މިމަހު 23 އަށް ހަމަވާތީ އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލެއްވި ފުރުސަތުގައި، އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލެއްްވި ފަރާތްތަކުގެ ތެރެއިން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަ ކުރައްވާފައިވާ ހަަތަރު ނަމާއެކު އެ ނަންތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އީސީއަށް މެންބަރަކު އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވައި ދެއްވީ އަމީން އާއްމު ފާތިމަތު ނިއުޝާ އެވެ. އެ ސިޓީފުޅާއެކު، އީސީގެ މެންބަރުކަމަށް ހޮއްވެވުމަށް ރައީސުލް ޖުމްހޫރިއްޔާ ތަރުތީބުން ފާހަގަ ކުރައްވާފައިވާ ހަތަރު ބޭފުޅުންގެ ނަން މަޖިލީހަށް އިއްވެވިއެވެ.
އެ ލިސްޓުގެ އެންމެ ކުރީގައި ހިމެނިވަޑައިގަންނަވަނީ އީސީގެ މިހާރުގެވެސް ނައިބު ރައީސް އަހުމަދު އަކުރަމްގެ ނަމެވެ.
ދެވަނައަށް ހިމެނިވަޑައިގަންނަވަނީ އީސީގެ ކުރީގެ މެންބަރެއް ކަމަށްވާ އަހުމަދު ފަޔާޒް ހަސަންގެ ނަމެވެ.
ފަޔާޒް މީގެ ކުރިން އިންފޮމޭޝަން ކޮމިޝަނަރު ކަމަށްވެސް ކުރިމަތި ލެއްވި އެވެ. ނަމަވެސް މަޖިލީހުން ރުހުން ލިބިވަޑައިގެންފައެއް ނުވެއެވެ.
މިނަންތަން އިއްވެވުމުން މަޖިލީހުގެ ރައީސް ވަނީ އެ ނަންތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވައިފައެވެ.