އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދާ ސުވާލު ކުރެއްވުމުން، ޖަވާބު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ނުރުހުން ފާޅު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު މިނިސްޓަރާ ސުވާލު ކުރައްވަނީ، ރާއްޖޭގައި ލޭނު މަސްވެރިކަން ކުރުން ހުއްޓުވި މައްސަލަ އާއި ރާއްޖޭގެ މަސްވެރިކަން ޒަމާނީ މަސްވެރިކަމަކަށް ހެދުމަށް މިހާތަނަށް ކޮށްފައިވާ ދިރާސާތަކާ ބެހޭގޮތުންނެވެ.
ޖާބިރު ފުރަތަމަ ސުވާލު ކުރެއްވީ ރާއްޖޭގެ އިގްތިސާދު، އެ މައްޗަށް ބިނާވާ އެއް ސިނާއަތަކީ، މަސްވެރިކަން ކަމަށް ވާއިރު، ރާއްޖޭގެ މަސްވެރިކަން ޒަމާނީ މަސްވެރިކަމަކަށް ހެދުމަށް ޓަކައި މިހާތަނަށް ކޮށްފައިވާ ދިރާސާއަކީ ކޮބައިތޯ އޮޅުން ފިލުވުމަށެވެ.
ޖާބިރު ކުރެއްވި ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން، ޖާބިރު ވިދާޅުވީ، މަސްވެރިކަން ކުރިއެރުވުމަށް ދިރާސާއެއް ނުކުރާކަން ސާފުކޮށް އެނގިވަޑައިގެންފި ކަމަށެވެ.
ޖާބިރު އެހެން ވިދާޅުވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނަވައި، މިނިސްޓަރު ދެއްވި ޖަވާބު މެންބަރަށް އޮޅުންފިލުއްވައި ދެއްވިއެވެ.
އެކަމާގުޅިގެން ނިޒާމީ މައްސަލަ ނަންގަވައި ހިތްހަމަޖެހިވަޑައިނުގެން ޖާބިރު ވިދާޅުވީ، ފިޝަރީޒް މިިނިސްޓަރާ ސުވާލު ކުރެއްވުމުން، ޖަވާބު ދެއްވަނީ، މަޖިލިސް ރައީސް ކަމަށާއި، އެހެންކަމުން މިނިސްޓަރު ދެންނެވި އެއްޗެއް ވެސް އެނގިވަޑައިނުގެންނެވި ކަމަށެވެ.
ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ވިދާޅުވީ، ދިވެހި މަސްވެރިކަން ޒަމާނީ މަސްވެރިކަމަކަށް ހެދުމަށް ކުރަން ޖެހޭ ކަންކަމަކީ ކޮބައިތޯ ބެލުމަށް ހާއްސަ ދިރާސާއެއް ކުރެވިފައި ނެތް ނަމަވެސް ރާއްޖޭގެ މަސްވެރިކަމާ ގުޅޭ ގޮތުން، ނުވަތަ މަސްވެރިކަމުގެ ސިނާއަތާގުޅޭ ގޮތުން ޕްލޭންތައް ފަރުމާކުރެވިފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ މަސްވެރިކަމާބެހޭ ފަސް އަހަރު ދުވަހުގެ ސްޓްރޭޓިޖިކް އެކްޝަން ޕްލޭންގައި ދިވެހި މަސްވެރިކަން ޒަމާނީ މަސްވެރިކަމަކަށް ހެދުމަށް ކަންތައްތައް ހިމެނިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން މަސްވެރިކަމުގެ އުޅަނދު ފަހަރުގެ ސަލާމަތީ ރައްކާތެރިކަން ބެލެހެއްޓުމަށް ވެސެލް ޓްރެކިންގ ސިސްޓަމް ތައާރަފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މަސްރިޕޯޓް އިލެކްޓްރޯނިކުކޮށް ފެށުމުގެ މަސައްކަތާއި، އާ ޑިޒައިންގެ މަސްދޯނި ފަހަރު ނެރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ދެއްވި މި ޖަވާބާ ގުޅިގެން ޖާބިރު ވިދާޅުވީ، މިނިސްޓަރު ދެއްވި ޖަވާބު ވަރަށް ސާފު ކަމަށާއި، މިނިސްޓްރީން އެކަމަށް އެއްވެސް ދިރާސާއެއް ކޮށްފައި ނުވާކަން ސާފުވެއްޖެ ކަމަށެވެ.
"އިއްޒަތްރެރި ރައީސް ވަރަށް އުފާވެއްޖެ، އިއްޒަތްތެރި ވަޒީރު އެހާ ސާފުކޮށް ވިދާޅުވެއްޖެ އެއްވެސް ދިރާސާއެއް ހެދިފަ ނެތްކަމަށް، ކިހިނެއްތޯ، އަޅުގަނޑުގެ ސުވާލަކީ އިއްޒަތްތެރި ވަޒީރަށް އެނގިވަޑައިގަންނަވާނީ މިހާރު މިކުރަނީ ތަހުޒީބީ ޒަމާނީ މަސްވެރިކަމެއްކަން،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އެހެން ވިދާޅުވެ އިތުރު ސުވާލެއް ކުރެއްވުމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ޖާބިރު ފުރަތަމަ ކުރެއްވި ސުވާލާ ގުޅިގެން ފަހުން އެކުރެއްވި ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބު ވަރަށް ސާފުކޮށް އެމަނިކުފާނަށް އަޑުއިވިވަޑައިގެންފި ކަމަށެވެ. އަދި ޖާބިރު ވިދާޅުވި ފަދަ ދިރާސާއެއް އެ ސުރުހީގައި ކޮށްފައި ނުވިނަމަވެސް މަސްވެރިކަމާގުޅޭ ގޮތުން ހަދާފައިވާ ދިރާސާތައް މަދު ނުވާނެ ކަމަށެވެ. އަދި މިނިސްޓަރު ޒަހާއަކީ އެފަދަ ދިރާސާތައް ރާއްޖެއަށް ގެންނަން ފެށީއްސުރެން އެކަމުގެ ތެރޭގައި އުޅުއްވައި ދިރާސާ ކުރައްވަމުން ވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި ޖާބިރުގެ ސުވާލުގެ ޖަވާބު ވަރަށް ސާފުކޮށް މިނިސްޓަރު ދެއްވާފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"އިއްޒަތްތެރި މެންބަރުގެ ފުރަތަމަ ސުވާލު އެއްސެވި އިރު ތިޔަ ވިދާޅުވި ދެ ސުވާލުގެ ޖަވާބު ވަރަށް ސާފުކޮށް އަޅުގަނޑަށް އަޑު އިވިއްޖެ، އެއް ސުވާލަކަަށް ކުރެއްވީ ދިރާސާއެއް ހެދިފައި ވޭތޯ، އިއްޒަތްތެރި ވަޒީރު ވިދާޅުވި ސީދާ ދިރާސާއޭ ކިޔައި އެތާގައި އެހެޑިން ޖަހައި، ސުރުހީ ޖަހައި، ރިޕޯޓެއް ލިޔެވިފައި ނުވިނަމަވެސް ދިރާސާތަކާއި މުތާލިއާތައް މަސްވެރިކަމާ ގުޅޭ ގޮތުން ކުރެވިފައި ހުރި މިންވަރު މަދެއް ނުވާނެ، އަޅުގަނޑަށް ފެނުމުގައި އިއްޒަތްތެރި ވަޒީރު އެއީ މި ދިރާސާތައް މި ދިވެހި ރާއްޖެއަށް ގެންނަން ފެށީއްސުރެން ފަށައިގެން އެކަމުގެ ތެރޭގައި އުޅުއްވަމުން، ދިރާސާ ކުރައްވަމުން ވަޑައިގެންފައި ހުންނެވި ބޭފުޅެއް، އަދި އަޅުގަނޑަށް ފެނުނު ތަނުގައި އިއްޒަތްތެރި ވަޒީރު އިއްޒަތްތެރި މެންބަރުގެ ތިޔަ ދެ ސުވާލުގެ ޖަވާބު ވަރަށް ސާފުކޮށް ވަނީ ދެއްވައިފަ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސްގެ މި ޖަވާބާ ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން ނިޒާމީ މައްސަލަ ނަންގަވައި ޖާބިރު ވިދާޅުވީ، މިނިސްޓަރާ ސުވާލު ކުރުމުން ޖަވާބު ދެއްވީ މަޖިލިސް ރައީސް ކަމަށާއި، އެހެންކަމުން ވަޒީރު ވިދާޅުވި އެއްޗެއް އެނގިވަޑައި ނުގެންނެވި ކަމަށެވެ.
މަޖިލީހަށް ވަޑައިގަންނަވަނީ، އިހުލާސްތެރިަކމާއެކު މަސައްކަތް ކުރެއްވުމަށް ކަމަށާއި، ރީއްޗަށް މެންބަރުންނަށް އޮޅުންފިލާ ގޮތަށް ތެދު ބަހުން ވަޒީރުން މަޖިލީހުގައި ޖަވާބު ދެއްވަން ވާނެ ކަމަށެވެ.