އިބްރާހިމް ޒަކީ
މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ، ޒަހާ ވަހީދު ކުރައްވަމުން ގެންދަވާ މަސައްކަތަށް އެކަމަނާއަށް އޭ ރިޕޯޓެއް ލިބިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ، މިނިސްޓަރަށް ތައުރީފު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމަށް އޮތް ވަގުތުގައި، ރާއްޖޭގައި ލޭނު މަސްވެރިކަން ކުރުން ހުއްޓުވި މައްސަލަ އާއި ރާއްޖޭގެ މަސްވެރިކަން ޒަމާނީ މަސްވެރިކަމަކަށް ހެދުމަށް ކޮށްފައިވާ ދިރާސާތަކާ ބެހޭގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ފިޝަރީޒް މިިނިސްޓަރާ ސުވާލު ކުރެއްވިއެވެ.
ޖާބިރުގެ ސުވާލަށްފަހު، އެހެން މެންބަރުނަށް މިނިސްޓަރާ ސުވާލު ކުރުމަށް، މަޖިލީހުގެ ރައީސް ހުޅުވާލެއްވި ފުރުސަތުގައި، ދިއްފުށި މުލީގައި އަޅާފައިވާ ކަނދުފަތި ކަނޑައިގެން ގޮސްވައިވާ ކަނދުފަތި އެޅުމާ ބެހޭ ގޮތުންނާއި، މަސްވެރިކަމަށް އިތުރަށް ހުޅުވާލުމާބެހޭގޮތުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމު މިނިސްޓަރާ ސުވާލު ކުރެއްވިއެވެ.
މެންބަރުން މިނިސްޓަރާ ކުރެއްވި ސުވާލަށް ދެއްވި ޖަވާބާގުޅިގެން، މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިނިސްޓަރު ޒަހާއަށް ޝުކުރު ދަންނަވާ ކަމަށާއި، ރިޕޯޓް ކާޑުގައި ޖަހަން ވެއްޖެނަމަ އޭ ރިޕޯޓަކަށް މިހާރު މިނިސްޓަރު ވަޑައިގަންނަވާނެ ކަމަށެވެ.
"ޝުކުރިއްޔާ އިއްޒަތްތެރި ވަޒީރު، މިހާރު ރިޕޯޓްކާޑުގައި ޖަހާން ވެއްޖެނަމަ އަޅުގަނޑު ހިތުން އޭއަކަށް އިއްޒަތްތެރި ވަޒީރު މިހާރު ވަޑައިގެންފި،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ތުލުސްދޫ ދާއިރާގެ މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، ދިއްފުށީ ބޮއި މިއަދު ހެނދުނު އަޅައި ނިމިއްޖެ ކަމަށާއި، އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފާ ލިބުނުހާ އަވަހަކަށް މަސްވެރިކަމަށް ހުޅުވާލުމުގެ މަސައްކަތަށް ތައްޔާރަށް ތިއްބެވި ކަމަށެވެ.