މަޖިލީހުގެ ރައީސް

އެންމެކުޑަ އުޖޫރަ ކަނޑައެޅުން ގާނޫނުގައި އޮންނަނީ މިނިސްޓަރަށް: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

1

ވަޒީފާ އަދާކުރާ ފަރާތްތަކަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބާރު ވަޒީފާއާބެހޭ ގާނޫނުން ލިބިދީފައި ވަނީ އިކޮނޮމިކް މިނިސްޓަރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުުގެ ޖަލްސާގައި ރިޔާސަތުން ފާހަގަ ކުރައްވާ ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ޖެހެނީ މިނިސްޓަރު ކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެ އުޖޫރަ ކަނޑައެޅުމަށްޓަކައި ލަފާދޭ ބޯޑެއްގެ މަޝްވަރާ މިނިސްޓަރު ހޯއްދަވަން ޖެހޭ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.

އެގޮތުން އެ ބޯޑުގެ ލަފާ މިނިސްޓަރު ހޯއްދަވާފައިވާ ކަމަށާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މަޖިލީހުގެ ލަފާ ހޯއްދެވުމަށް، މަޖިލީހަށް ފޮނުވާފައިވަނީ އެބޯޑުގެ ރިޕޯޓް ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް އިތުރަަށް ވިދާޅުވީ، މަޖިލީހުގެ ލަފަޔަކަށް އެދި މިނިސްޓަރު ފޮނުއްވި ސިޓީ އާއި ރިޕޯޓް މިދިޔަ މަހުގެ 18 ވަނަ ދުވަހު އިގުތިސާދި ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށެވެ. އަދި މިވަގުތު އެ ރިޕޯޓް އޮތީ އިގުތިސާދީ ކޮމިޓީގައި ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކޮމިޓީން އެ ރިޕޯޓާ ގުޅޭ ގޮތުން ބަހުސް ކުރަމުން އަންނަ ކަމަށާއި، އެކަމުގައި ކަމާ ގުޅޭ އެންމެހާ ފަރާތްތަކާ ކޮމިޓީން މަޝްވަރާ ކުރުމުގެ އިތުރުން އެ ރިޕޯޓް އެކުލަވާލާފައިވާ އެކިއެކި މާހިރުންނާ ވެސް މަޝްވަރާކޮށް ވާހަކަ ދައްކައި ކަންކަން ސާފުކުރާނެ ކަމަށެވެ. އަދި ކޮމިޓީން އެކަންތައް ދިރާސާކޮށް މަޖިލީހަށް ފޮނުވާ ކޮމިޓީ ރިޕޯޓްގައި އެންމެކުޑަ އުޖޫރައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމާއި، ކަނޑައަޅާ އަދަދު ހިމެނޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ދައުރުގެ ތެރެއިިން އަދި މަޖިލީހުގެ މަސައްކަތުގެ ތެރެއިން އެމަސައްކަތް ކުރިޔަށްދާނެ ކަމަށާއި، އެމަސައްކަތް ކުރިޔަށްދާނީ ކަމާ ގުޅޭ ހުރިހާ ފަރާތްތަކާ މަޝްވަރާ ކުރެވިގެން ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އިއްޔެ ވިދާޅުވީ، އެންމެ ކުޑަވެގެން ދެވޭނެ މުސާރަ (މިނިމަމް ވޭޖް) ކަނޑައެޅުމުގެ މައްސަލަ އަކީ އޭނާ އާއި ސަރުކާރަށް އަމިއްލައަށް ނިންމާލައި ދޫކޮށްލެވޭ ވަރަށްވުރެ ބޮޑު ކަމެއް ކަމަށެވެ.

މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ، މިދިޔަ ފެބުރުއަރީ މަސް ނިމުމުގެ ކުރީން، އެންމެ ކުޑަ މުސާރަ ކަނޑައަޅުއްވައި އިއުލާނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވެފައި ވަނިކޮށް، އެ މުއްދަތު ފަސްދީ ދިއުމުގެ ސަބަބުން އެކަމުގެ ފާޑުކިޔުން މީސްމީޑިއާގައި އަމާޒުވަމުންދާތީ "ވަން އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އޭރު އެހެން ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި އެކަން ނިންމަވައިލެއްވޭނެ ކަމަށް ބައްލަވައިގެން އެ މަގުސަދުގައި ކަމަށާއި އެހެން ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އެކަން ނުވި ކަމަށް ޓަކައި މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެކަން އިތުރަށް މާބޮޑަށް ލަސްވެގެން ދާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވެސް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟