އިންޓަ ސްކޫލް ވޮލީ މުބާރާތް

އިންޓަ ސްކޫލް ވޮލީ މުބާރާތް ފަސްކުރަން ވޮލީބޯޅަ އެސޯސިއޭޝަނުން ނިންމައިފި

އައިދާ އަބްދުލް ހަކީމް

މިމަހު ބޭއްވުމަށް ހަމަޖެއްސި އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް ވަކި މުއްދަތެއް ނެތް ގޮތަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ފަސްކޮށްފިއެވެ.

ވީއޭއެމްގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިހާރު ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19)އާ ގުޅިގެން ސްކޫލްތަކުގެ ހުރިހާ އިތުރު ހަރަކާތްތައް ހުއްޓާލަން އެޑިއުކޭޝަން މިނިސްޓްރީން އަންގައި ސާކިއުލާއެއް ނެރެފައިވާތީ މުބާރާތް ފަސްކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހުގެ ނުވަވަނަ ދުވަހު ވީއޭއެމުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 އިން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ޔޫތު ސެންޓަރުގެ އިންޑޯހޯލުގައި ކަމަށެވެ. ނަމަވެސް މިހާރު އެ މުބާރާތް ފަސްކުރުމުން ދެން އެ މުބާރާތް ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ގެޒެޓް ކުރާނެ ކަމަށް ވީއޭއެމުން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާގައި ވަނީ މި ދުވަސްވަރު ރާއްޖެއިން ހިމަބިހި ފެނި، ބައެއް ދަރިވަރުން ހިމަބިއްސަށް ޕޮޒިޓިވް ވެފައި ވާތީ އެކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މި ނިންމުމަކީ މިފަދަ ހާލަތެއްގައި ރާއްޖެއަށް ކޮރޯނާވައިރަސް އައުމުގެ ބިރު އޮތުމުން ދަރިވަރުން މި ބަލިތަކުން ރައްކާތެރިކުރުމަށް ދުރާލައި ފިޔަވަޅު އެޅުމުގެ ގޮތުން މިނިސްޓްރީން، އެޗްޕީއޭގެ މަޝްވަރާގެ މަތިން ނިންމި ނިންމުމެއް ކަމަށް ވެސް އެޑިއުކޭޝަނުން ވަނީ ބުނެއެވެ.

އެޑިއުކޭޝަނުގެ ސާކިއުލާގައި އިތުރަށް ބުނީ ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ މަސައްކަތަށް އެކުލަވާލާފައިވާ ޓާސްކްފޯހުގެ މަޝްވަރާގެ މައްޗަށް ބިނާކޮށް، އެޗްޕީއޭގެ ޓެކްނިކަލް ލަފާ ގަވައިދުން ހޯދަމުންގެންދާނެ ކަމަށެވެ. އިތުރު ހަރަކާތްތައް ކުރިއަށްގެންދާނެ ގޮތެއް ފަހުން އަންގާނެ ކަމަށް އެޑިއުކޭޝަނުގެ ސާކިއުލާގައި ބުނެފައިވެއެވެ.

ކޮރޯނާވައިރަހާ ގުޅިގެން ސްކޫލު ބަންދު ކުރަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެޗްޕީއޭގެ ލަފާގެ މަތިން އެކަން މިނިސްޓްރީން ސްކޫލުތަކަށް އަންގާނެ ކަމަށާއި މިހާރަށް އިތުރު ހަރަކާތްތައް މަޑު ޖައްސާލުމަށް ނިންމާފައިވާ ނިންމުމަކީ މިއަދުން ފެށިންގެން އަންނަ މެއި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމި ނިންމުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ވީއޭއެމުން ބުނީ ކުރިން މި މުބާރާތް މިމަހުގެ 22 ވަނަ ދުވަހު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވުމުން އެޑިއުކޭޝަންގެ ސާކިއުލާގެ ސަބަބުން ސްކޫލްތަކުގެ ޓީމުތަކުގެ ފަރިތަކުރުންތައް މެދުކެނޑިގެންދާނެތީ ސްކޫލްތަކަށް އިތުރު ވަގުތު ދިނުމުގެ ގޮތުން މުބާރާތް ފަސްކުރަން ނިންމީ ކަމަށެވެ.