އިބްރާހިމް ޒަކީ
ރާއްޖޭގައި ލޭނު މަސްވެރިކަން ކުރުން ހުއްޓުވި މައްސަލައިގައި، ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދާ، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ސުވާލު ކުރައްވަން ހަމަޖެހިއްޖެއެވެ.
މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާގައި ވާ ގޮތުން ދެ ކަމަކާ ބެހޭ ގޮތުން، ޖާބިރު ފިޝަރީޒް މިނިސްޓަރާ ސުވާލު ކުރައްވާނެ އެވެ.
ޖާބިރު ފުރަތަމަ ސުވާލު ކުރެއްވުމަށް ހަމަޖައްސާފައިވަނީ، ރާއްޖޭގެ އިގްތިސާދު، އެ މައްޗަށް ބިނާވާ އެއް ސިނާއަތަކީ، މަސްވެރިކަން ކަމަށް ވާއިރު، ރާއްޖޭގެ މަސްވެރިކަން ޒަމާނީ މަސްވެރިކަމަކަށް
ހެދުމަށް ޓަކައި މިހާތަނަށް ކޮށްފައިވާ ދިރާސާއަކީ ކޮބައިތޯ އާއި އެކަމުގެ ނަތީޖާ އަކީ ކޮބައިތޯއެވެ.
މީގެ އިތުރުން ރާއްޖޭގައި އެންވެރިކަން އަމިއްލައަށް އުފެއްދޭނެ ގޮތުގެ މައްޗަށް އެއްވެސް ވިސްނުމެއް ގެންގުޅުއްވާތޯ ވެސް ސުވާލު ކުރުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ލޭނު އެޅުމުގެ މަސްވެރިކަމަކީ މަސްވެރިންނަށް ވަރަށް ބޮޑު އާމްދަނީއެއް ލިބެމުން އައި ކަމަކަށް ވީއިރު، މިކަން ހުއްޓުމަކަށް ގެނެސްފައި ވަނީ ކީއްވެގެންތޯ، އާއި އަލުން އެ ފުރުސަތު މަސްވެރިންނަށް ދެއްވުމުގެ ވިސްނުން ގެންގުޅުއްވާތޯ ސުވާލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެ ހުއްދަ ދިނުމަށް ހޭދަވާނެ މުއްދަތަކާ ބެހޭ ގޮތުން ވެސް މެންބަރު ޖާބިރު ސުވާލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ލޭނު މަސްވެރިކަން ކުރުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކޮށް އެޒާތުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދޫ ނުކުރަން ސަރުކާރުން ނިންމީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 16ގައެވެ. އޭރު ލޭނު މަސްވެރިކަން ކުރަން ހުއްދަ ދޫކޮށްފައި ވަނީ ވެސް ބޭރުގެ ފަރާތްތަކަށެވެ.
އެފަރާތްތަކުގެ ހުއްދަ ބާތިލުކޮށް ފިޝަރީޒް މިނިސްޓްރީން ބުނީ، ލޭނު މަސްވެރިކަމުގައި ނުގަވާއިދުން އެތައް ކަމެއް ހިނގާކަން ޔޫރަޕިއަން ޔޫނިއަން، (އީޔޫ) އިން ވެސް ރާއްޖޭގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
އެކަންކަމުގެ ސަބަބުން ރާއްޖޭގެ މަސް ޔޫރަޕަށް އެކްސްޕޯޓް ކުރުން މަނާކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.