އެންމެ ކުޑަވެގެން ދެވޭނެ މުސާރަ (މިނިމަމް ވޭޖް) ކަނޑައެޅުމުގެ މައްސަލަ އޭނާ އާއި ސަރުކާރަށް އަމިއްލައަށް ނިންމާލައި ދޫކޮށްލެވޭ ވަރަށްވުރެ ބޮޑު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ، މިދިޔަ ފެބުރުއަރީ މަސް ނިމުމުގެ ކުރީން، އެންމެ ކުޑަ މުސާރަ ކަނޑައަޅުއްވައި އިއުލާނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވެފައި ވަނިކޮށް، އެ މުއްދަތު ފަސްދީ ދިއުމުގެ ސަބަބުން އެކަމުގެ ފާޑުކިޔުން މީސްމީޑިއާގައި އަމާޒުވަމުންދާތީ "ވަން އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އޭރު އެހެން ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި އެކަން ނިންމަވައިލެއްވޭނެ ކަމަށް ބައްލަވައިގެން އެ މަގުސަދުގައި ކަމަށާއި އެހެން ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އެކަން ނުވި ކަމަށް ޓަކައި މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެކަން އިތުރަށް މާބޮޑަށް ލަސްވެގެން ދާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވެސް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.
"މީ އަޅުގަނޑާއި ސަރުކާރަށް އަމިއްލައަށް ނިންމައިލެވޭ ވަރަށްވުރެ ބޮޑު ކަމެއް. އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަންދޫބުން މިކަމުގައި ބަހުސްކުރައްވަން. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާ ލަސް ނުވެ އެކަން ކުރައްވާނެ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި މަހުގެ ތެރޭ އެކަން ނިމިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ފައްޔާޒް، ކުރިން ވިދާޅުވެފައި ވަނީ އެޑްވައިޒަރީ ބޯޑުން ލަފާދީފައިވަނީ 6،400 ރުފިޔާ އާންމުކޮށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައެޅިދާނެ ކަމަށެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ދިނުމަށް ލަފާދީފައިވަނީ 8400-6400 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ.
ބޯޑުން މި އަދަދު އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑައަޅަން ލަފާދިން ނަމަވެސް، އެކަމާ ގުޅޭ ގޮތުން ކަމާ ގުޅުން ހުރި ދާއިރާތަކަކާ މަޝްވަރާ ކުރައްވާފައި ވާނެ ކަމަށާއި އެ ގޮތުން މުސާރަ ދޭން ތިބި ފަރާތްތަކަށް ވެސް މިއީ ދެވިދާނެ އަދަދުތަކެއްތޯ ބަލަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ވަޒީފާ އަދާކުރާ ފަރާތްތަކަށް ދޭނެ އެންމެ ކުޑަ އުޖޫރަ (މިނިމަމްވޭޖް) ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯއްދެވުމަށް މިނިސްޓަރު ފައްޔާޒް އެމައްސަލަ މަޖިލީހަށް ފޮނުއްވީ މިދިޔަ ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.
އެގޮތުން މިނިމަމްވޭޖާ ބެހޭގޮތުން، ސެލެރީ އެންޑް ވޭޖް އެޑްވަޒީބޯޑުން ހުށަހަޅާފައިވާ ރިޕޯޓާއި، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުން ހުށަހަޅާފައިވާ ރިޕޯޓާއި ސްޓޭކްހޯލްޑާސްއާ ބެހޭ ގޮތުން މިނިސްޓްރީން ބޭއްވި ބައްދަލުވުންތަކުން ފާހަގަ ކުރެވުނު ކަންތައްތަކާއެކު ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ބެހޭގޮތުން ފާހަގަ ކުރެވޭ ކަންތައްތައް މިނިސްޓަރު ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަން ވޭޖު ކަނޑައެޅުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ.