ޑިޖިޓަލް ދިވެހިރާއްޖޭގެ ތަސައްވުރާއި އެކު އުރީދޫން ކުރަމުން އަންނަ ގިނަގުނަ މަސައްކަތްތަކުގެ ދަށުން، އުރީދޫގެ ހިދުމަތްތައް 24 ގަޑިއިރު ލިބޭ ޑިޖިޓަލް ސެންޓަރެއް ރާއްޖޭގައި މިއަދު ގާއިމްކޮށްފިއެވެ.
އުރީދޫ ޑިޖިޓަލް ސެންޓަރުގައި ހިމެނޭ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި، އުރީދޫގެ ޕްރީޕެއިޑް ސިމް ގަނެވޭނެއެވެ. މިއީ، ދިވެހިރާއްޖޭގައި މި ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދެވޭ ފުރަތަމަ ފަހަރެވެ.
އުރީދޫން ބުނީ އެ ސެންޓަރު މެދުވެރިކޮށް، ބިލަށް ފައިސާ ދައްކައި، ރީޗާޖްކޮށް، އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ.
އުރީދޫ ޑިޖިޓަލް ސެންޓަރު މިއަދު އިފްތިތާހު ކޮށްދެއްވާފައި ވަނީ، އުރީދޫ މޯލްޑިވްސްގެ ޗެއާމަން، ޑޭމިއަން ފިލިޕް ޗަޕެލް އަދި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ހާން އެވެ. މި ހަފުލާގެ ބައިވެރިންގެ ތެރޭގައި އެކުންފުނީގެ ބޯޑު ޑައިރެކްޓަރުން ކަމަށްވާ، އަލްއުސްތާޒާ ދީނާ ހުސައިން، ޑރ. ހާމިދު މުހައްމަދު، ހާލިދު ހުސައިން، މ. އަލް-ހަމާދީ، އަހްމަދު ޒުހޫރު އަދި ސުރޭޝް ކަލްޕަތީ ޗިދަމްބަރަމް ހިމެނެއެވެ.
އުރީދޫން ތައާރަފު ކުރި ޑިޖިޑަލް ސެންޓަރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސިއީއޯ ނަޖީބް ހާން ވިދާޅުވީ، އެ ސެންޓަރުގެ ސަބަބުން އުރީދޫގެ ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
"ދުވަހުން ދުވަހަށް ޑިޖިޓަލް ވަމުން އަންނަ ދުނިޔެއެއްގައި، އަޅުގަނޑުމެންގެ ކަސްޓަމަރުން ބޭނުންވަނީ އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް. އުރީދޫ ޑިޖިޓަލް ސެންޓަރު މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފަސޭހަވެގެންދޭ. މިގޮތުން، ބޭނުން ކޮންމެ ވަގުތެއްގައިވެސް އުރީދޫގެ ސިމެއް ބައްލަވައިގަނެ، ރާއްޖޭގެ އެންމެ ފުރިހަމަ 4ޖީ+ ނެޓްވޯކުގައި އަޅުގަނޑުމެން ފޯރުކޮށްދޭ ތަފާތު އަދި އުފެއްދުންތެރި ހިދުމަތްތައް ބޭނުން ކުރަން ފެށޭނެ." ނަޖީބް ހާން ވިދާޅުވިއެވެ.
އުރީދޫން ބުނީ އެކުންފުނީގެ ހިދުމަތްތައް އިތުރަށް ޑިޖިޓަލްކޮށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެގޮތް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.