ވިޔަފާރި

100،000 ރުފިޔާއާ ހަމަށް ދޭ ފައިސާގެ އިނާމާއެކު ބީއެމްއެލުން ހާއްސަ ލޯނު ޕްރޮމޯޝަނެއް ފަށައިފި

އިބްރާހިމް ޒަކީ

އައި ފޯނާއެކު 100،000 ރުފިޔާއާއި ހަމަޔަށް ދޭ ފައިސާގެ އިނާމާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޕާސަނަލް ލޯނާއި ފައިނޭންސިންގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލުން ބުނީ، ހެޔޮ ބަދަލު ތަކަކާއެކު މިއަދުން ފެށިގެން ކުރިޔަށް ގެންދާ މި ޕްރޮމޯޝަން، ލުއި އެކްސްޕްރެސް، ލުއި މައިކްރޯ، ބީއެމްއެލް ވެހިކަލް ލޯން، ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަދި ބީއެމްއެލް އިސްލާމިކް ވެހިކަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ކޮށްފައިވާ ކަމަށެވެ.

އަންނަ އެޕްރީލް މަހުގެ 30ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި، ޕާސަނަލް ލޯނާއި ފައިނޭންސިން އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ހަފުތާއަކު އައިފޯނެއް ލިބޭނެއެވެ. މީގެ އިތުރުން ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭސިންއަށް އެދި ހުށަހަޅާ ކަސްޓަަމަރުންގެ ތެރެއިން ގުރުއަތުން ދެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާ ކަމަށާއި، ހޮވޭ ކޮންމެ ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބީއެމްއެލުން ބުނެފައި ވެއެވެ.

ވެހިކަލް ލޯނާއި ވެހިކަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބީއެމްއެލުން ބުނެފައި ވެއެވެ.

"މިއަދު މި ގެނެވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕާސަނަލް ލޯނާއި ފައިނޭންސިން ޕްރޮޑަކްޓްތަކަށް އެދި ހުށަހެޅޭނެ. ކަސްޓަމަރުންގެ މެދުގައި މަގުބޫލު ލޯނުތަކަށް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެވިފައި، މިގޮތުން ލައިފްސްޓައިލް ލޯނުގެ ގޮތުގައި މިހާރު 300،000 ރުފިޔާ އާއި ހަމަޔަށް ލޯނު ދޫކުރާނެ. އަދި ބީއެމްއެލް ވެހިކަލް ލޯނު މެދުވެރިކޮށް އިލެކްޓްރިކް ވެހިކަލް ގަތުމަށް މިހާރު ކުޑަ އިންޓްރެސްޓް ރޭޓެއް މިވަނީ ހަމަޖެހިފައި. ލޯނުތަކަށް މި ގެނެވުނު ބަދަލުތައް ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކަށް ވެސް ގެނެވިފައިވާކަން ފާހަގަކޮށްލަން." މި ބަދަލުތަކާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑިރެކްޓާ އޮފް ބިޒްނަސް ކުލްދިޕް ޕަލިވަލް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 51 ސެލްފްސާވިސް ބޭންކިން ސެންޓަރު، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެބޭންކުން ބުނެފައި ވެއެވެ.