އަލީ ޔާމިން
ރާއްޖޭގައި ބާއްވާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު އެކްސްޕޯ ކަމަށްވާ، މޯލްޑިވްސް ލިވިން އެކްސްޕޯ 2020 ކާމިޔާބުކަމާއެކު ރޭ ނިންމާލައިފިއެވެ.
މިއަހަރުގެ ލިވިން އެކްސްޕޯ ކުރިޔަށް ގެންދިޔައީ 40 ކުންފުންޏަކާއެކުގައެވެ. އޭގެ ތެރޭގައި ސްރީލަންކާގެ ތިން ކުންފުންޏަކާއި، އިންޑިއާގެ ކުންފުންޏެއްގެ އިތުރުން މެލޭޝިޔާގެ ކުންފުންޏެއްވެސް ހިމެނެއެވެ.
ލިވިން އެކްސްޕޯއާ ގުޅޭގޮތުން "ވަން"އަށް މައުލޫމާތުދެއްވަމުން ލިވިން އެކްސްޕޯ އިންތިޒާމުކުރާ ހައިރައިޒްގެ ޑިރެކްޓަރު، ސޭލްސް އެންޑް މާކެޓިން މަރިޔަމް މާއިޝާ ވިދާޅުވީ، ލިވިން އެކްސްޕޯގެ މައިގަނޑު އަމާޒަކީ ގެދޮރާއި ބޯހިޔާވަހިކަމާ ބެހޭ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
"މައިގަނޑު އަމާޒަކީ ގެދޮރާއި ބޯހިޔާވަހިކަމަށް ޓާގެޓްކޮށްގެން އެއް ޕްލެޓްފޯމެއްގެ ދަށުން ދިވެހި ރައްޔިތުންނަށް ގެދޮރާ ބެހޭ މައުލޫމާތު، އަދި ގެދޮރަށް ބޭނުންވާ އެހެނިހެން ސާމާނުގެ މައުލޫމާތު އަދި ބޭންކިން އިންޝުއަރެންސްގެ މައުލޫމާތު އެއް ޕްލެޓްފޯމެއްގެ ދަށުން ހޯދައިދިނުން." މާއިޝާ ވިދާޅުވިއެެވެ.
ލިވިން އެކްސްޕޯގެ މައި އެގްޒިބިޓަރުންގެ ތެރޭގައި ހިމެނެނީ ރިއަލް އެސްޓޭޓް، ކޮންސްޓްރަކްޝަން އަދި ރިސޯޓު ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށްވާ މޯހަން މުތާ ކުންފުންޏާއި ސްރީލަންކާގެ ބައެއް ކުންފުނިތައް ކަމަށްވާ އަލްޓެއާ، ޖޯން ކީލްސް ހޯލްޑިންގްސް އާއި އަކުއާ ވިޓާ ރެސިޑެންސް އައި އެޕޯލޯ ހޯލްޑިން އެވެ.
ދިވެހި ކުންފުނިތައް ކަމަށްވާ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)، މޯލްޑިވްސް އިސްލާމިކް ބޭންކް، އެލައިޑް އިންޝުއަރެންސް، ސޮލަރެލް އިންޝުއަރެންސް، ސިލިންކޯ އަދި ދިވެހި އިންޝުއަރެންސް ވެސް މި އެކްސްޕޯގައި ބައިވެރިވެފައި ވެއެވެ.
ރާއްޖޭގެ ޕީއާރު އަދި މާކެޓިން ކުންފުންޏެއް ކަމަށްވާ ހައިރައިޒުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ލިވިން އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ހިދުމަތް ދޭ ބޮޑެތި ކުންފުނިތައް އެއްތަނަކަށް ގެނެސް މިދާއިރާގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.
"މޯލްޑިވްސް ލިވިން އެކްސްޕޯ 2020"ގެ މެއިން ސްޕޮންސަރަކީ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑެވެ. އަދި ކޯ-ސްޕޮންސަރުންނަކީ އަކުއާ ވިޓާ ރެސިޑެންސް މޯލްޑިވްސްގެ އިތުރުން ސްރީލަންކާގެ އަލްޓްއެއާ އެވެ.
މިއަހަރުގެ ލިވިން އެކްސްޕޯގެ މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންނެވެ.