އަހްމަދު މަހްލޫފު

މަހްލޫފަށް ހާއްސަ ކުރެއްވި ޕާކިން އޭރިއާ އާންމުންނަށް

އަހުމަދު ޖައިޝަން

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ ކާރުކޮޅަށް ހާއްސަކޮށް އޭނާގެ ގޭގެ ކުރިމަތީގައި ހުސްކޮށްފައި އޮންނަ ޕާކިން އޭރިއާ އާންމުނަށް ބޭނުންކުރެވޭ ގޮތް ހަދާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަށް ހާއްސަކުރައްވާފައިވާ ޕާކިން އޭރިއާ އާންމުންނަށް ހުޅުވާލާ އޭނާގެ ޕާކިން އޭރިއާ ބަދަލުކޮށްދެއްވުމަށް ހައުސިން މިނިސްޓްރީގައި އެދޭނެ ކަމަށެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ އާންމުންގެ މީހަކު ކަންބޮޑުވުން ފާޅުކުރުމުންނެވެ. މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ސަރަހައްދުގެ ޕާކިން ހާލަތު މިހާރުވެސް ގޯސް ކަމަށެވެ.

"ގޭގެ ކުރިމަތީގައި [މަހްލޫފްގެ] ކާރު ޕާކު ކުރުން ކޮންމެހެން ލާޒިމުތޯ؟" އެމީހާ ސުވާލުކޮށްފައި ވެއެވެ.

މަހްލޫފް ވަނީ އެކަން ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެ އެ މައްސަލަ އޭނާގެ ސަމާލުކަމަށް ގެނައުމާ ގުޅިގެން ޝުކުރު އަދާކުރައްވާފައެވެ.

ޕާކިން މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު އަމަލު ކުރެއްވި ގޮތަށް އާންމުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.