މި ސަރުކާރުގައި ވެސް ކޮރަޕްޝަން ހުންނާނެ ކަމަށާއި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލީހުން ވެސް އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ސުޕާ މެޖޯރިޓީއެއް އޮތް ނަމަވެސް، ސަރުކާރުގައި ހުރި މައްސަލަތަކުގެ ވާހަކަދައްކަމުން އަންނަ ކަމަށެވެ.
"ތަފާތު އިންސާނުން، ތަފާތު މީހުން މިއުޅެނީ ކަންކަމުގައި. ކޮރަޕްޝަން ހުންނާނެ ކޮންމެތާކު ވެސް. ކޮރަޕްޝަން ނެތުމޭ ބުނުމަކީ އަޅުގަނޑު ހަދާ ދޮގެއް. މި ސަރުކާރުގައި ވެސް ހުންނާނެ. އެކަމަކު ޔަގީންވާ އެއް ކަމެއް އެބައޮތް. ކޮރަޕްޝަންގެ އަމަލެއް ހިންގައިފި މީހަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވަޅު އަޅާނެ. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުން ފިޔަވަޅު އަޅާނެ،" އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވަން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމަށް ރައީސް ސޯލިހު އަބަދުވެސް ވިދާޅުވާ ކަމަށާއި މައްސަލައެއް އުޅެންޏާ މަޖިލީހުގެ ތެރޭގައި އެވާހަކަ ދެކެވެން ޖެހޭނެ ކަމަށް އެމަނިކުފާނު އަބަދުވެސް ވިދާޅުވާ ކަމަށެވެ. އަދި ބާރު ދިނީމަ މަޖިލީހުން މިހާރު ނާޖާއީޒު ފައިދާއެއް ނުނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ބާރު ދިނީމަ އޭގެ ނާޖާއިޒު ފައިދާއެއް އަޅުގަނޑުމެން ނުނަގަން. އެހެންނަމަވެސް 18 ވަނަ ރައްޔިތުންގެ މަޖިލީހުން އަދި ރައީސް ޔާމީނުގެ ސަރުކާރުން ހުރީ ނާޖާއިޒު ފައިދާ ނެގުނު ގޮތަކަށް ނަގާފައި. ހިތަށް އެރީމަ މީސްމީހުން ބަދަލުކުރުން، ކަނޑާލުން، މީހުންނަށް އަދަބު ދިނުން، ޖަލަށްލުން. އެއީކީ ކުރެވޭނެ ކަންތައްތަކެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި މިނިވަން މުއައްސަސާތަކަށް ސަރުކާރާ ދެކޮޅަށް ބަހެއް ބުނަން ނުކުރޭ ކަމަށާއި ނަމަވެސް މިއަދު މިނިވަން މުއައްސަސާތައް ނުކުމެ ސަރުކާރާ ދެކޮޅަށް ބަސް ބުނާ ކަމަށެވެ.