ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށް ހަމަ މަގަކީ ކޮބައިކަމެއް އެނގިވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އާޒިމް މިހެން ވިދާޅުވެފައިވަނީ ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބަށް ނުކުތީ ގައުމު ހަމަ މަގަށް އެޅުވުމަށް ކަމަށް ޕީޕީއެމާއި ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އަދުރޭ ދެއްކެވި ވާހަކައާ ގުޅިގެންނެވެ.
އާޒިމް ވިދާޅުވީ ހަމަ މަގަކީ ވައްކަންކުރުމާއި ޖިންސީ ގުޅުން ހިންގުމާއި މީހުން ގޭގޭގައި ތިއްބައި ހައްޔަރުކުރުމާއި ނާއިންސާފުން ގަދަކަމުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ކަންތައްތައް ކުރުން ކަމަށް އަބްދުއްރަހީމް ގަބޫލުކުރެއްވިޔަސް، އެއީ ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
"އަބްދުއްރަހީމަށް އެނގިވަޑައެއްނުގަންނަވާނެ ކޮބައިކަމެއް ހަމަ މަގަކީ. ހަމަ މަގަކީ ވައްކަންކުރުންތޯ. ހަމަ މަގަކީ ޖިންސީ ގުޅުން ހިންގުންތޯ. ހަމަ މަގަކީ މީހުން ގޭގޭގައި ތިއްބައި ހައްޔަރުކުރުންތޯ. ހަމަ މަގަކީ ނާއިންސާފުން، ގަދަކަމުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ކަންކަން ކުރުންތޯ. އެއީ ހަމަ މަގު ކަމަށް އަބްދުއްރަހީމް ގަބޫލުކޮށްފާނެ. ޕީޕީއެމް ގަބޫލުކޮށްފާނެ. އަޅުގަނޑު ގަބޫލުކުރަނީ ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެއީ ހަމަ މަގު ކަމަށް ގަބޫލެއް ނުކުރާނެ،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ކޮންމެ ވާހަކައެއް ދެއްކި ކަމުގައިވީ ނަމަވެސް، ކޮންމެ ގޮތަކަށް ކަންކަން ދެއްކި ކަމުގައިވީ ނަމަވެސް، ލޯކަލް ކައުންސިލް އިންތިހާބުން ޕީޕީއެމަށް ފުރުސަތެއް ނެތް ކަމަށާއި ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް ޕީޕީއެމް ބޮޑުކޮށް ދެއްކި ނަމަވެސް، ރައްޔިތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގަބޫލުނުކުރި ކަމަށެވެ.
"އަޅުގަނޑު ހަނދާންވޭ ރިޔާސީ އިންތިހާބު 2018ގައި ފުދޭވަރަކަށް ބޮޑުކޮށް ދެއްކި ޕީޕީއެމް. ޔާމީނު ބޮޑުކޮށް ދައްކައިގެން ދިވެހި ރައްޔިތުން ގަބޫލެއް ނުކުރި. ބުނީ ނޫނެކޭ. ޔާމީން ބޮޑުކޮށް ދައްކައިގެން ފަހަރެއްގައި ބަންގުލަދޭޝް މީހަކު ގަބޫލުކޮށްފާނެ. އެހެންނަމަވެސް އަޅުގަނޑު ގަބޫލެއް ނުކުރަން ބޮޑުކޮށް ދައްކައިގެންނެއް ދިވެހި ރައްޔިތުން އެކަން ގަބޫލުކުރާ ކަމަކަށް،" އޭނާ ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ އެމްޑީޕީން ކެމްޕޭން ފެށުމަށް ޖަލްސާ ބޭއްވީ ލާމަރުކަޒުކޮށްގެން ހުރިހާ ރަށެއްގައި އެއްފަހަރާ ކަމަށާއި އެމްޑީޕީއަކީ މުވައްޒަފުންނަށް ބިރުދައްކައިގެން ޖަލްސާތަކަށް ގެންނަ ޕާޓީއެއް ނޫން ކަމަށެވެ. އަދި އެމްޑީޕީއަކީ ލާމަރުކަޒު ކުރުމުގެ ވިސްނުމާއި ފިކުރު ގެންގުޅޭ ޕާޓީއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.