މެލޭޝިއާގެ ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވި މަހާތީރު މުހައްމަދު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ރައީސް މުހިއްޔުއްދީން ޔާސީން، އެގައުމުގެ އާ ބޮޑުވަޒީރަކަށް އައްޔަންކުރައްވައިފިއެވެ.
ބަރުސަތޫ ޕާޓީގެ ރައީސް މުހިއްޔުއްދީން، ބޮޑުވަޒީރުކަމަށް މިއަދު އައްޔަންކުރެއްވީ މެލޭޝިއާގެ ރަސްގެފާނު ސުލްތާން އަބްދުﷲ ސުލްތާން އަހުމަދު ޝާހެވެ. މަހާތީރަކީ ބަރުސަތޫ ޕާޓީގެ ޗެއާމަނެވެ.
މެލޭޝިއާގެ ބޮޑުވަޒީރުކަމަށް މުހިއްޔުއްދީން އައްޔަންކުރެއްވިކަން އިއުލާންކުރުމަށް އެގައުމުގެ ރަސްގެފާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަހިއްޔުއްދީން މާދަމާ މަގާމުގެ ހުވާކުރައްވާނެ ކަމަށާއި ސަރުކާރު ހިންގުމަށް ބޮޑުވަޒީރެއް އައްޔަން ކުރުން ފަސްކުރެވެން ނެތް ކަމަށެވެ. އަދި އެ ނިންމުމަކީ ހުރިހާ ރައްޔިތުންނަށް ވެސް އެންމެ ރަނގަޅު ނިންމުމަށް ވާނެ ކަމަށް ވެސް ރަސްގެފާނު ވިދާޅުވިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރުކަމުން މަހާތީރު އިސްތިއުފާދެއްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މަހާތިރު ކުއްލިގޮތަށް އެގައުމުގެ ރަސްގެފާނަށް ހުށަހެޅުއްވި މި އިސްތިއުފާއާ ގުޅިގެން އެގައުމުގެ ރައްޔިތުންނަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.
މަހާތީރު އިސްތިއުފާ ދެއްވާފައިވަނީ މަހާތީރު އޭނާ އިސްވެ ހުންނަވައި، އިތުރު ކޯލިޝަނެއް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ ތުހުމަތުތަކެއް ކުރެވި، އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތްތަކެއް ވެސް ބައެއް ފަރާތްތަކުން ފަށާފައި ވަނިކޮށެވެ.
ބޮޑުވަޒީރުކަމުގެ މަގާމަށް ކުރިން އިންޓީރިއާ މިނިސްޓަރުކަން ކުރެއްވި މުހިއްޔުއްދީން އައްޔަންކުރައްވާފައިމިވަނީ، ދުވަސްވީ ވާދަވެރިޔާ އަންވަރު އިބްރާހީމާއެކު އަލުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް މަސައްކަތްކުރައްވާކަން މަހާތީރު އިއުލާނުކުރެއްވިތާ މާގިނައިރުތަކެއް ނުވަނީހެވެ.