ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް، ސުޕްރީމް ކޯޓުން ބާތިލުކުރެއްވުމުން އެމަނިކުފާނު މިނިވަން ވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް އިއްވުން ނިންމުމާ ގުޅިގެން ކޯޓުން ނިކުމެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އިންސާފު ކަމަށާއި އިރާދަކުރެއްވިއްޔާ އެ އިންސާފު ހޯދައިދޭނެ ކަމަށެވެ.
ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް އެހީތެރިވެ ދެއްވި ވަކީލުންނާއި ގައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ސުޕްރީމް ކޯޓުން ނިކުންނެވުމަށްފަހު ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ ރައީސް ނަޝީދާ ދެކޮޅަށް ދައުވާ އުފުލާފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ.
"މި މައްސަލައަކީ ގާނޫނީ އިޖުރާއަތާ ހިލާފަށް ހިނގި ބައެއް ކަންތައް ހިމެނޭ މައްސަލައެއް ކަމުގައި ވީނަމަވެސް ޓެރަރިޒަމްގެ ދައުވާ އުފުލޭނެ މައްސަލައެއް ނޫން ކަމަށް ވަނީ ފާހަގަ ކުރައްވާފައި،" ހިސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުން އެ މައްސަލައަކީ ޓެރަރިޒަމްގެ މައްސަލައެއްގެ ގޮތުގައި ބަލައިގަތުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު ފާހަގަކުރައްވާފައިވާ ކަމަށެވެ.
ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމުގެ ދައުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.
ނަޝީދުގެ ފަރާތުން އެމައްސަލަ ރިވިއުކުރުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގަތުމުން، އެކޯޓުން މީގެ ކުރިން ވަނީ ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށާއި، އެމައްސަލައިގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ނަޝީދުއާ މެދު ކަމާ ބެހޭ އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކުރައްވާފައެވެ.
ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުގައެވެ.