ކޮވިޑް-19އާ ގުޅިގެން ބައިނަލްއަގުވާމީ ފުޓްބޯޅަ މެޗުތައް ފަސްކުރަން ޖެހިދާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އިތުރަށް ފެތުރުމުގެ ބިރު އެބައޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ.
ފީފާ އިން ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކާއި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުގެ އިތުރުން ޔޫރޯ ކޮލިފައިން ވެސް ކުޅެން އަންނަ މަހަށް ތާވަލުކޮށްފައެވެ. ނަމަވެސް ހުރިހާ ކަމަކަށްވުރެ ކުޅުންތެރިންގެ ސިއްހަތު މާ މުހިއްމު ކަމަށް ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ވިދާޅުވެފައެވެ.
އިންފަންޓީނޯ ވިދާޅުވީ ފީފާއިން ދަނީ ކަންތައްތައް ވަރަށް ގާތުން ބަލަމުން ކަމަށާއި އުއްމީދުކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބަލި ފެންނަ ނިސްބަތް ދަށްވެ ހާލަތު ވީހާވެސް އަވަހަށް ރަނގަޅުވެގެން ދިއުން ކަމަށެވެ.
"ކޮންމެ ކުޅިވަރަކަށް ވުރެ ވެސް މުހިއްމު ވާނީ މީހުންގެ ސިއްހަތު. މިސާލަކަށް މެޗުތައް ކުޅެން ޖެހެނީ ސަޕޯޓަރުން ނުވައްދައި ކަމަށް ވިޔަސް، މެޗު ނުކުޅެ ހުއްޓާލަން ޖެހުނަސް އަހަރެމެން މިތިބީ އެ ގޮތުގައި ވެސް ކުރިއަށްދާން ތައްޔާރަށް،" އިންފަންޓީނޯ ވިދާޅުވިއެވެ.
ވައިރަހުގެ ސަބަބުން މި ހަފްތާ ބަންދުގައި ސްވިޒަލެންޑްގެ އެއްވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ މެޗުތައް ވަނީ ފަސްކޮށްފައެވެ. އަދި ޔޫރަޕުގެ ގިނަ ގައުމުތަކުން ވައިރަސް ފެންނަމުންދާ އިރު، އެކި ގައުމުތަކުގައި ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެމުންދެއެވެ. އަދި ބައެއް މެޗުތައް ވަނީ ކެންސަލް ވެސް ކޮށްފައެވެ.