ރައްޔިތުންގެ މަޖިލިސް

ބަޖެޓު ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރުން މާދަމާ

އަހުމަދު ޖައިޝަން

2019 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރި ކޮމިޓީން އެކުލަވާލި ރިޕޯޓުގެ ބަހުސް މާދަމާ ފެށުމަށް ނިންމައިފި އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ ކޮމިޓީއިން ދިރާސާކޮށް ނިންމެވި ގޮތަށް އެއްވެސް މެމްބަރަކު އިސްލާހެއް ހުށަހެޅުމަށް ބޭނުންވާނަމަ އެ ފުރުސަތު ލިބިގެންވާ ކަމަށެވެ.

އަދި އެ ފުރުސަތު މިއަދު 18:00 ވަންދެއް ހުޅުވާލާފައި އޮންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް 30.25 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ކޮމިޓީއިން ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓު ދިރާސާކުރާ ކޮމެޓީން ފާސްކުރި ބަޖެޓު ކޮމެޓީން ފާސްކުރި ގޮތަށް މަޖިލީހުގެ ތަޅުމުން ވެސް ފާސްވާނެ ކަމަށް ބެލެވެ އެވެ. ބަޖެޓު ދިރާސާ ކޮމެޓީ އެކުލަވައިލައިފައި ވަނީ ސިޔާސީ ހުރިހާ ޕާޓީތައް ތަމްސީލުވާ ގޮތަށެވެ.