ބޮލީވުޑް

ޝާހުގެ 'ދިލްވާލޭ ދުލްހަނިޔާ ލޭ ޖާޔޭނގޭ' ގެ ދެވަނަ ބައެއް ހެދުމަށް އަންހެނުން ގޯރީ އެދެފި

1995ގައި ރިލީސްކުރި ބްލޮކްބަސްޓާ ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާޔޭނގޭ" ގެ ދެވަނަ ބައެއް ހަދަން ވާނެ ކަމަށް ފިލްމު ބަތަލު ޝާހުރުކް ޚާންގެ އަންހެނުން ގޯރީ ޚާން ބުނެފިއެވެ.

ގޯރީ މިހެން ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އަހްމަދްއާބާދުގެ މޮޓޭރާ ސްޓޭޑިއަމްގައި އިންޑިއާގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާޔޭނގޭ" ފިލްމުގެ ނަން ބޭނުންފުޅު ކުރައްވާފައިވާތީއެވެ.

ޓްރަމްޕް ސްޕީޗް ދެއްވަމުން ވިދާޅުވީ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާޔޭނގޭ" އަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީން ދުނިޔެއަށް ދީފައިވާ "ކްލެސިކް ފިލްމެއް" ކަމަށެވެ.

ދުނިޔޭގެ އެހާ ނުފޫޒު ގަދަ ފަރާތަކުން ފިރިމީހާގެ މަސައްކަތް އެހާ ބޮޑަށް ބަލައިގެންފައިވުމުން އެއާ މެދު ދެކެނީ ކިހިނެއްތޯ ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެމުން ގޯރީ ބުނީ ފިލްމުގެ ދެވަނަ ބައެއް ހަދަން ޖެހޭ ކަމަށެވެ.

"އަހަންނަށް ހީވަނީ އެއީހެން ރާވާފައި އޮތް ގޮތަކީވެސް. ޝާހު އޭގެ ދެވަނަ ބައެއް ހަދާނެ. އަހަރެން ބުނާނަން ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކައިރީވެސް ދެވަނަ ބައެއް ހަދަން. އޭރުން އިންޑިއާއަށް އަންނަ ބޮޑު ރައީސެއް ވެސް އަދި ބޮޑު ވަޒީރެއްވެސް އެ ފިލްމެއްގެ ވާހަކަ ދައްކާނެ" ގޯރީ ބުންޏެވެ.

ޝާހު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މީގެ ދެއަހަރު ކުރިން ފިލްމު "ޒީރޯ" އިންނެވެ. އޭގެ ފަހުން ރަސްމީކޮށް އިތުރު ފިލްމެއް އިއުލާންކޮށްފައި ނުވި ނަމަވެސް އެކި ފިލްމު ތަކާ ޝާހު ގުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.