އެޗްއާރު މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން އޮފީސް/ކުންފުނިތަކުގެ އެގްޒެކްޓިވުންނަށް ބާއްވާ ފުޓުސަލް މުބާރާތް މިއަދު ހެނދުނު ފަށައިފިއެވެ.
އެފްއޭއެމްގެ މިނީޓާފް ގްރައުންޑް ތިނެއްގައި މިއަދު ފެށި މި މުބާރާތުގައި ސަރުކާރު އޮފީސް/ކުންފުނިތަކުން 11 ޓީމު ބައިވެރިވެއެވެ. މުބާރާތް ކުރިއަށްދާނީ މިއަދު އިރުއޮއްސި 6:30 އާހަމައަށެވެ.
މި މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެއް ގްރޫޕުގައި ހަ ޓީމެއް ހިމެނޭއިރު، އަނެއް ގްރޫޕުގައި ފަސް ޓީމެއް ހިމެނޭނެއެވެ. ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތަކަށް ސެމީ ފައިނަލުން ފުރުސަތު ލިބޭނެއެވެ.
އެޗްއާރު މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން އެގްޒެކްޓިވް ލެވަލްގައި މަސައްކަތްކުރާ ފަރާތްތަކަށް ބާއްވާ މި މުބާރާތް ހޯސްޓް ކޮށްފައިވަނީ ހިއުމަން ކެޕިޓަލް މެގަޒިންގެ ފަރާތުންނެވެ. އަދި މިއީ މުޅިން އަލަށް ބާއްވާ މުބާރާތެއް ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޗްއާރު މޯލްޑިވްސް އިން ބުނެއެވެ.
އެޗްއާރު މޯލްޑިވްސްއިން ބުނީ މުބާރާތުގެ މައިގަނޑު މަގުސަދަކީ އޮފީސް ކުންފުނި ތަކުގެ އެގްޒެކްޓިވް ލެވަލްގެ ބޭފުޅުންނަށް އާންމުކޮށް އެފަދަ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭތީ އާއި އެފަދަ ފަރާތްތަކަށް ހަރަކާތްތެރި މާހައުލެއް ގާއިމުކުރުމުގެ މަގުސަދުގައި ކަމަށެވެ. އަދި އޮފީސްތަކުގެ އެގްޒެކްޓިވް ލެވަލްގައި މަސައްކަތްކުރާ ފަރާތްތައް އެއް މާހައުލަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުން ވެސް މުބާރާތުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެޗްއާރު މޯލްޑިވްސްއިން މައުލޫމާތުދެއެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ހެލްތު މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، މޯލްޑިވްސް ޕޮލިސް ސާވިސް، އެމްއެންޑީއެފް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވިއަން، އެޗްޑީސީ، އޮޑިޓާ ޖެނަރަލްގެ އޮފީސް، ފިނޭންސް މިނިސްޓްރީގެ އިތުރުން އެސްޓީއޯއެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވަން އޮންލައިންއެވެ.