ބޮލީވުޑް

ހީރޯޕަންތީ ދޭއްގެ ޕޯސްޓަރުގައި ހުރި ޓައިގާގެ ފޮޓޯއަކީ ފޮޓޯޝޮޕް ކޮށްފައިވާ ފޮޓޯއެއް ކަމުގެ ތުހުމަތު

2014 ވަނަ އަހަރު ޓައިގާ ޝްރޮފް ބޮލީވުޑަށް ނުކުތީ ސާޖިދް ނަދިދްވާލާގެ ފިލްމު ހީރޯޕަންތީ އިންނެވެ.

އޭގެ ހަ އަހަރު ފަހުން މިއަދު މިވަނީ ހީރޯޕަންތީގެ ދެވަނަ އިންސްޓޯލްމަންޓެއް ހަދާކަން އިއުލާންކޮށް އޭގެ ޕޯސްޓަރު ދައްކާލައިފައެވެ.

މަގުބޫލު ފްރެންޗައިޒް ފިލްމު ބާގީ ތިނެއްގެ ޕްރޮމޯޝަންގައި މިވަގުތު ހަރަކާތްތެރިވަމުން އަންނަ ޓައިގާ އަމިއްލައަށް ކުރި ޕޯސްޓެއްގައި ބުނީ އެ ފިލްމަކީ އޭނާއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށާއި ފިލްމުގެ އިތުރު ބައެއް ކުރިއަށް ގެންދަން ފުރުސަތު ލިބުމަކީ ވަރަށް އުފާވި ކަމެއް ކަމަށެވެ. 

ނަމަވެސް ޕޯސްޓަރުތައް ރިލީސްކުރުމާއެކު ފޭނުންނާއި އިންޓަނެޓުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ވަނީ ކެއާނޯ ރީވްސްގެ "ޖޯން ވިކް ޗެޕްޓާ ދޭއް"ގެ ޕޯސްޓަރުތަކާއި މި ޕޯސްޓަރުތައް ވައްތަރު ކަމަށް ބުނެ ގިނަ ކޮމެންޓު ތަކެއް ކޮށްފައެވެ.

ކެއާނޯގެ އެ ޕޯސްޓަރުގައިވެސް ހުންނަނީ ޕޭންޓްސޫޓެއްގައި ބަޑިއެއް ހިފަހައްޓައިގެންނެވެ.

ހަމަ އެހެންމެ އެއް ބަޔަކު ވަނީ ޓައިގާގެ ފިލްމު ބާގީ ތިނެއްގެ ޕޯސްޓަރެއްގައި ހުނި އޭނާގެ މޫނާއި މި ޕޯސްޓަރުގައި ހުރި މޫނު ވައްތަރު ކަމަށް ބުނެ ވެސް ކޮމެންޓު ކުރަން ފަށާފަ އެވެ.

ޓުވީޓަރުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ހީރޯޕަންތީގެ ޕޯސްޓަރުގައި ހުރި ފޮޓޯއަކީ ފޮޓޯޝޮޕް ކޮށްފައިވާ އަދި ކޮޕީ ޕޭސްޓު ކޮށްފައިވާ ފޯސްޓަރެކެވެ. އޭގެ ތެރެއިން ބައެއް ޕޯސްޓުތައް ތިރީގައި އެވަނީއެވެ.

ފިލްމަށް ގިނަ ޓްރޮލްތަކެއް ހަދާފައިވާ ވާއިރު މިއީ އޭގެ ޕްރޮމޯޝަނަލް ސްޓަންޓެއް ކަމަށްވެސް ގިނަ ފޭނުންދަނީ ބުނަމުންނެވެ.

ހީރޯޕަންތީ ރިލީސްކުރުމަށް ހަމަޖައްސާފައިވަނީ ޖުލައި 2021ގައެވެ.