ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އައިޓީބީ ބާލިން ފެއާ 2020 ކެންސަލް ކުރުމަށް ޖަރުމަނުން ނިންމައިފިއެވެ. އައިޓީބީ ބާލިން ފެއާ އަކީ ޓުއަރިޒަމްގެ ދާއިރާއިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފެއާއެެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ ފަރާތްތަކަކުން ވެސް ބައިވެރިވާ ބާލިން ފެއާ މިއަހަރު ބާއްވަން ނިންމާފައި އޮތީ އަންނަ މަހުގެ ހަތަރަކުން އަށަކަށެވެ.
ބާލިން ފެއާ ކެންސަލް ކުރުމަށް ނިންމާފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އެ ގައުމުތަކުގެ ސިއްހީ އިދާރާތަކުން އަޅަން ނިންމި ފިޔަވަޅުތައް އިތުރަށް ވަރުގަދަ ވުމުންނެވެ.
އެގޮތުން ބާލިން ފެއާ ބާއްވާ ނަމަ އެ ފެއާ ގައި ބައިވެރިވުމަށް އެތެރެވާ ކޮންމެ މީހަކީ ރިސްކް ފެކްޓާ އޮތް ހިސާބަކުން އައި މީހަކު ނޫން ކަމާއި، ރިސްކް ފެކްޓާއެއް ކަމަށް ބެލެވޭ ގައުމެއްގެ މީހަކާއި އެއްވެސް ގުޅުމެއް ވެސް ބާއްވާފައި ނުވާ މީހެއްކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށް އެ ގައުމުތަކުގެ ސިއްހީ އިދާރާތަކުން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މި ކަންކަން ކަށަވަރުކުރުމަށް އުނދގޫވުމާއެކު އެ ފެއާ ކެންސަލް ކުރުމަށް ފެއާ އިންތިޒާމް ކުރާ "މެސް ބާލިން" ކޮންފުނިން ނިންމީއެވެ.
"މެސް ބާލިން" ކުންފުނިން ރޭ ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ އެ ކުންފުނިން އިސްކަންދެނީ އެ ފެއާގެ ބައިވެރިންނާއި ޒިޔާރަތްކުރާ ފަރާތްތަކާއި މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ. ނަމަވެސް ފެއާ ބާއްވާތާ 54 އަހަރު ފަހުން ފުރަތަމަ ފަހަރަށް ފެއާ ކެންސަލް ކުރަން ޖެހޭތީ އެ ކުންފުނިން ވަނީ ހިތާމަފާޅުކޮށްފައެވެ.
ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މި ފެއާގައި މިއަހަރު 180 ގައުމަކުން 10،000 މީހުން ބައިވެރިވުމަށް ނިންމާފައި ވެއެވެ.