އިސްލާމް ދީނުގެ ފަސް ރުކުން ތަކުގެ ތެރެއިން ޒަކާތް ދިނުމަށް އިންކާރު ކުރުމަކީ ތިމާގެ އިސްލާމްކަން ނެތިގެންދާ ފަދަ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގައި މުދަލަކީ އިންސާނުންގެ ހިތުގައި އެއަށް ގަދަވެގެންވާ ލޯތްބެއް އޮންނަ އެއްޗެއް ކަމަށް ބުނެފައިވެއެވެ. އަދި މުދަލުގެ މައްޗަށް އޮންނަ ލޯތްބަކީ ފިތުރީ ކަމެއްކަމަށާއި، އެއީ ތަބީއީ ސިފައެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ނަމަވެސް މުދަލަށް ލޯބިކުރުމުގައި ތިން ކަމަކަށް ބެލުމަށް ހުތުބާގައި އިލްތިމާސްކޮށްފައިވެއެވެ. އެއީ މުދަލަކީ ﷲތައާލާގެ މިލްކެއްކަން ގަބޫލުކުރުމާއި، މުދަލަކީ އަމާނާތެއްކަމުގައި ގަބޫލުކުރުން އަދި ހައްގުވެރި ބަޔަކު ވާކަމަށް ގަބޫލުކުރުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޒަކާތުގެ އަޅުކަމަކީ އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރޭ ހިމެނޭ އަޅުކަމެއްކަން މިއަދުގެ ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.
އެގޮތުން ޝަހާދަތުގެ ދެކަލިމަ ހިތުން ތެދުކޮށް ގަބޫލު ކުރުމާއެކު، ނަމާދު ކުރުން، ރަމަޟާން މަހުގެ ރޯދަ ހިފުން އަދި ހައްޖުގެ އަޅުކަމަށް އެންމެންވެސް އަހަންމިއްޔަތުކަން ދޭ އިރު ޒަކާތުގެ އަޅުކަމަށް މުސްލިމު އަހުންނާއި އުހުތުން ފަރުވާ ކުޑަކުރާ ކަމަށް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.
މިއަދުގެ ހުތުބާގައި އިސްލާމް ދީނުގެ ރުކުންތަކަށް ރައްކާތެރިވުމަށް ގޮވާލާފައިވެއެވެ.
އެގޮތުން އިސްލާމްކަމުގެ ފަސް ރުކުނުގެ ތެރެއިން އެކަމަކަށް އިތުރު ސަމާލުކަމެއްދީ، އިސްލާމްދީނުގެ ބިނާ އާރާސްތު ކުރުމަށް ބޭނުންވަނީ ޒަކާތައް އިސްކަން ދިނުންކަމަށް މިއަދުގެ ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި މުޖުތަމައެއްގައި ޒަކާތުގެ މުހިއްމު ކަމަށާއި، އޭގެ މަންޒިލާއި މަގާމު އަދި މުޖުތަމައަށް ޒަކާތުގެ މުހިއްމުކަން ހެޔޮހިތުން ގަބޫލުކޮށް އެއަށް އަމަލީ ސިފައެއް ގެނައުމަށް ހުތުބާގައި ގޮވާލާފައިވެއެވެ.
ޒަކާތާއި މުދަލަކީ ގުޅިފައިވާ ދޭއްޗެއްކަން މިއަދުގެ ހުތުބާގައި އަހަރެމެންނަށް ހަނދާންކޮށްދީފައިވެއެވެ. އަދި މުދަލަކީ އެއެއްޗެއްގެ މައްޗަށް ލޯބިޖެހިފައިވާ ޒީނަތެއް ކަމަށް މިއަދުގެ ހުތުބާގައި ވެއެވެ. އަދި ބައެއް ފަހަރު މުދަލަކީ ނުރައްކާތެރި ފިތުނައެއް ކަމަށާއި، ކުރިމަތިވެފައިވާ ބޮޑު އިމްތިހާނެއްގެ ގޮތުގައި ހުތުބާގައި ސިފަކޮށްފައިވެއެވެ. އަދި މުދަލުގެ ބޭނުން ރަނގަޅުގޮތުގައި ހިފާ، ޒަކާތް ނެރެ، ސަދަގާތްދީ ހަދައިފިނަމަ އެ މުދަލަކީ މީހާ ސުވަރުގެ ވަނުމަށް އޮތް ސަބަބަކަށް ވާނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.
މާތް ﷲ އަހަރެމެންނަށް ދެއްވި މުދަލަށާއި ރިޒްގަށް ޝުކުރުވެރި ވުމަށް މިއަދުގެ ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. އެގޮތުން ތިމާއަށް ލިބިގެންވާ މުދަލާއި ރިޒުގަށް ޝުކުރު އަދާކުރުމުގެ ގޮތުން މުދަލު ޒަކާތް ނެރުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
އަދި މުުދަލު ޒަކާތަކީ ތިމާގެ މިލްކިއްޔާތުގައިވާ މުދަލުގެ 40 ބައިކުޅަ އެއް ބައި ކަމަށް ވާއިރު އެއީ ވަރަށް ކުޑަ މިންވަރެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ. އަދި މި މިންވަރާ މެދު ދަހިވެތިކަން ފާޅު ނުކުރުމަށް ހުތުބާގައި ނަސޭހަތްތެރިވެފައި ވެއެވެ. އަދި ލަސްނުވެ ތިމާގެ މުދަލުން އެ މިންވަރު ނެރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މުދަލު ޒަކާތައް އިހުމާލު ވުމަކީ އާހިރަތުގައި ތިމާގެ ހަލާކު ކަމުގައި މިއަދުގެ ހުތުބާގައި ސިފަކޮށްފައިވެއެވެ. އަދި އެއީ ތިމާގެ މުދަލުގެ ބަރަކާތް ކެނޑި، މުދަލަކީ ވަބާއެއްކަމުގައި ވާ އެއްޗެއް ކަމަށް ހުތުބާގައި ބުނެފައިވެއވެ. އަދި މުދަލު ޒަކާތައް އިހުމާލު ވުމަކީ މީހާ ގިޔާމަތް ދުވަހު ގަދަފަދަ، ވޭންދެނިވި އަޒާބަށް ހުށަހެޅޭނެ ކަމެއް ކަމުގައި ހުތުބާގައި ބުނެފައިވެއެވެ.
އަދި ކީރިތި ގުރުއާނުގައި ޒަކާތަކީ ނަމާދާއެކު ވިދިގެން ބަޔާންކޮށްފައިވާ އަޅުކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ނަމާދަށް އީމާންވެ ނަމާދު ކުރަމުން މުދަލުން ޒަކާތް ނުނެރޭނަމަ، ނުވަތަ ނަމާދު ކުރަމުން ޒަކާތަށް އިހުމާލު ވެވޭނަމަ، ތިމާގެ އިސްލާމްކަން ފުރި ހަމަ ނުވާނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.
ޒަކާތުގެ ގޮތުގައި ނެރޭ ކުޑަކުޑަ މިންވަރުން މުޖުތަމައަށާއި ޒަކާތުގެ އަހުލުވެރިން އަދި ޒަކާތް ހައްގުވާ ފަގީރުން، މިސްކީނުން އަދި ދަރަނިވެރިންނަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާ ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިިވެއެވެ. އަދި ނިކަމެތިންނަށް އެހީތެރިވުމުގެ ފުރުސަތު ލިބުމަކީ އަހަރެމެންނަށް ލިބޭ ކިހާ މަތިވެރި އުފަލެއްތޯ ހުތުބާގައި ސުވާލުކޮށްފައި ވެއެވެ. އަދި ޒަކާތް އަދާކުރުމުން ޒަކާތުގެ ހައްގުވެރިންގެ ދުއާ ޒަކާތްދޭ ފަރާތްތަކަށް ލިބިގެންދާކަން މިއަދުގެ ހުތުބާގައި ހަނދާންކޮށްދީފައިވެއެވެ.
މުދަލުގެ ބާރުގައި ޖެހި މީހާގެ މުށް ބާރުނުކުރުމަށް މިއަދުގެ ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. އަދި މުދަލުން ވާޖިބު އަދި ސުންނަށް ހޭދަކުރުންތަކަށް ހޭދަކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އެފަދަ ހޭދަކުރުންތައް ކުރުމުގައި ދީލަތިވުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ހެޔޮ ނިޔަތުގައި ހޭދަކުރެވޭ މުދަލަކީ ފަހަށް ރައްކާ ކުރެވޭ އެއްޗެއްކަން ހަނދާންކޮށްދީފައިވެއެވެ.
މީގެ އިތުރުން ޒަކާތައް ތިމާގެ މުދަލުން ހޭދަކުރުމަކީ ގެއްލުމެއް ނޫން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ޒަކާތް ނެރުމުގައި އިހުމާލު ވުމަކީ ޝައިތާނީ ހެއްލުމެއް ކަމަށް ބުނެފައިވެއެވެ. އަދި ކަމާގުޅުން ހުރި ފަރާތްތަކުން ޒަކާތުގެ މުހިއްމުކަމާއި، ޒަކާތް އަދާކުރުމަށް ކުރަން ހުރި ކަންކަން އޮޅުންފިލުވާ، ލަސްނުކޮށް ޒަކާތް ނެރުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.