ބޮލީވުޑްގެ ފޭވަރިޓް އޮން ސްކްރީން ޖޯޑު ޝާހުރުކް ޚާން އަދި ކާޖޮލް އަނެއްކާވެސް އެކުގައި ފިލްމަކުން ފެނިގެން ގޮސްދާނެކަމުގެ އަޑުތައް އަރައިފިއެވެ.
ބީޓައުންގައި ފެތުރިފައިވާ މިވާހަކަ ރަސްމީކޮށް ޔަގީންވެފައެއް ނުވެއެވެ. ނަމަވެސް ފިލްމުފެއާގައިވާ ރިޕޯޓެއްގައިވާ ގޮތުން ޝާހު އެންމެ އަވަހަށް ކުޅެނީ ރާޖް އަދި ކްރިޝްނާ ޑީކޭގެ ފިލްމެއްކަމުގެ އަޑުތައް ފެތުރުނަސް ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމަކުން ޝާހު ފެނިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
ގުޖުރާތު، ލަންޑަން އަދި ކެނެޑާގައި ޝޫޓް ކުރަން ހަމަޖައްސާފައިވާ ހިރާނީގެ ފިލްމަށް ބަތަލާއަކަށް ނަގަން ނިންމާފައި ވަނީ ކާޖޮލް ނުވަތަ ކަރީނާ ކަޕޫރު ޚާން ކަމަށް ވެއެވެ.
ޝާހު އަދި ކާޖޮލްގެ އޮން ސްކްރީން ޖޯޑަކީ މަގުބޫލު ކަމާއެކު ބަލައިގެންފައިވާ ޖޯޑެކެވެ. ދެތަރިން އެކުގައި ކުޅެފައިވާ ހުރިހާ ފިލްމެއްވެސް ވަނީ ބޮޑު ތަރުހީބެއް ހޯދާފައެވެ. އެންމެ ފަހުން ދެތަރިން އެކުގައި ފެނިގެންގޮސްފައިވަނީ ރޯހިތު ޝެޓީގެ ފިލްމު "ދިލްވާލޭ" އިންނެވެ. އެއީ މީގެ ފަސްއަހަރު ކުރިންކަމުގައި ވާތީ ފޭނުން ތިބީ ޝާހު އަދި ކާޖޮލް އަނެއްކާވެސް އޮންސްކްރީނުން ފެނިގެންދާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
އޭގެ އަނެއްކޮޅުން ޝާހު އަދި ކަރީނާ އެންމެ ފަހުން އެކުގައި ފެނިގެން ދިޔައީ 2011 ވަނަ އަހަރު ސައިންޓިފިކް އެކްޝަން ފިލްމު "ރާ-ވަން" އިންނެވެ.
މީގެ ދެއަހަރު ކުރިން ނެރުނު ފިލްމު ޒީރޯގެ ނާކާމިޔާބީއާއެކު ޝާހު ވަނީ ފިލްމު ކުޅުމުން ކުޑަ ބްރޭކެއް ނަގައިފައެވެ. ޝާހު ބުނި ގޮތުގައި އޭނާ ބޭނުންވީ އެދުވަސްކޮޅު އާއިލާއަށް ވަގުތު ދިނުމަށެވެ.
ކާޖޮލް އަދި ކަރީނާ، މި ދެތަރިންނަށްވެސް ވަނީ ދެތަރިންގެ ރިލީސްކޮށްފައިވާ ފިލްމު "ތަންހާޖީ: ދަ އަންސަންގް ވޮރިއޯ" އަދި "ގުޑް ނިއޫޒް" އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައެވެ.