ބަދަލަށް މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެކި މަގާމުތައް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވަމުން ގެންދެވިއަސް ޕާފޯމަންސް ނުދެއްކިއްޖެޔާ އެއްވެސް ބޭފުޅަކު މަގާމުގައި ނުބަހައްޓާނެ ކަން ކަށަވަރު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިރޭ ކުނޫޒުގައި މަޖިލީހު މެންބަރުން ކަމުގައިވާ ކަނޑިތީމު ދާއިރާގެ މެންބަރު އާއި މާވަށު ދާއިރާގެ މެންބަރު ޖުމްހޫރީ ޕާޓީ އާ ގުޅިވަޑައިގަތުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތް ވަރަށް އިންސާފުވެރި ވާނެ ކަމަށާއި އިހްލާސްތެރި ކަން ވަރަށް ގާތުން ފެންނަމުންދާކަމަށެވެ.
އަދި މި އައި ބަދަލަށް މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެކި މަގާމުތައް ހަމަޖެއްސެވި ކަމުގައި ވިއަސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ހަވާލުވެފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރެވިއްޖެޔާ ރައީސް އެބޭފުޅުން ވަކި ކުރުމުގެ ޑިޒިޝަން ނަންގަވާނެ ކަން ޔަގީން ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ބަލަދު އަރައިގެން ބައްލަވަން ޖެހޭ ބަޔަކު ތިބި ކަމުގައި ވާނަމަ ގާނޫނުގަ ކަނޑައެޅިފައިވާ ގޮތަށް އެކަންކަން އަޅުގަނޑުމެން ދައުލަތުން ހަރަދު ކުރައްވަމުން ގެންދަވާނެ، އެ ނޫން އެހެން ހާލަތެއްގަ ވަޒީފާގެ ނަމުގަ ހުންނަ މީހަކަށް އެމީހެއްގެ ވާޖިބް އަދާނުކުރެވޭ ހިނދު މަގާމުގައި ބަހައްޓަވައިގެން ކުރިއަށް ނުގެންދަވާނެ" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ މިހާ ހިސާބަށް ވެވަޑައިގެންނެވި އެއްވެސް އެއްބަސް ވުމަކާ ރައީސް ހިލާފުވެ ވަޑައިގެންފައި ނުވާ ކަމަށާއި މަސައްކަތް ކުރައްވަނީ އެއްބާރުލުމާއެކުގައި ކަމަށެވެ.